ޔޫއެންޑީޕީން މާލެ ސަރަހައްދު ތަރައްގީ ކުރުމަށް 2017ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ސްމާޓް ސިޓީ ޕްރޮޖެކްޓުގެ ދަށުން މަގުމައްޗަށް އަޅާކުނި މަދުކުރުމަށްޓަކައި " ރައްދު " ނަމުގައި ޕްރޮޖެކްޓެއް ފަށައިފިއެވެ.
ސްމާޓް ސިޓީ ޕްރޮޖެކްޓުގެ ދަށުން ޔޫއެންޑީޕީއާ އެމްޓީސީސީ، އެޗްޑީސީ، ޔޫއެންޑީޕީ، އޫރިދޫ އަދި ވެމްކޯ ގުޅިގެން ހޯމަ ދުވަހު އިފްތިތާހުކުރެވުނު "ރައްދު" ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝާފިއު ވިދާޅުވީ މަގުމައްޗަށް އަޅާކުނި މަދުކުރުމަށްޓަކައި ކޮންމެ މަހަކުވެސް ވެމްކޯއިން 2.5 މިލިއަން ރުފިޔާ ހޭދަވާ ކަމަށާއި ހޯމަ ދުވަހު އިފްތިތާހް ކުރި ޕްރޮޖެކްޓްގެ ސަބަބުން މަގު މައްޗަށް އަޅާކުނި މަދުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. .
މި ޕްރޮޖެކްޓާއި ގުޅޭގޮތުން ރައްދު ޕްރޮގްރާމްގެ އޮފިޝަލެއްގެ ގޮތުން މަސައްކަތްކުރައްވާ އަހްމަދު އަފްރާހް ވިދާޅުވީ އުންމީދަކީ އަންގާރަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހާއި ހަމަޔަށް 10،000 ޕްލާސްޓިކް ފުޅިތައް ނެގުން ކަމަށާއި އެގޮތުން ވެމްކޯއިން ދޭ ސްޓިކާ ޖަހާފަ ހުންނަ ކޮންމެ ފުޅިއެއް ، ހުޅުމާލެ ވެމްކޯ ފްރޮންޓް އޮފީހަށް ގެންދިޔުމާއެކު ބަދަލެއްގެ ގޮތުން ކޮންމެ ފުޅިޔަކަށް 1 ރުފިޔާ ލިބިގެން ދާނެ ކަމަށެވެ. ޝާފިއު އިތުރަށް ވިދާޅުވީ މި މަސައްކަތް ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ފަހު ދާއިމީ ގޮތެއްގައި މިމަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.
" ރައްދު ޕްރޮޖެކްޓް ވޯރކް ކުރާނެ ގޮތަކީ ހުޅުމާލޭގައި ޕައިލެޓް ޕްރޮޖެކްޓް ލޯންޗް މިކުރަނީ ދެން އަޅުގަނޑުމެންގެ މަގްސަދަކީ ގާތްގަނޑަކަށް 10000 ފުޅި ކަލެކްޓް ކުރެވޭތޯ ބެލުން . މާދަމާ ލޯންޗް ކޮށްފަ ހޮނިހިރު ދުވަހާއި ދޭތެރޭގައި . ދެން އެ ވޯރކް ކުރާނެ ގޮތަކީ ކޮންމެ ފުޅިއެއްގައި އަޅުގަނޑުމެން އިންނާނެ ސްޓިކަރ އެއް ޑިޒައިން ކޮށްފަ . ސްޓިކަރ ޖަހާފަ ހުންނަ ފުޅިތައް ރިޓާރން ކުރެވޭނެ. ވެމްކޯގެ ކަލެކްޝަން ޕޮއިންޓް އެއީ ވެމްކޯގެ ހުޅުމާލެ ފްރޮންޓް އޮފީހަށް ރިޓަރން ކުރީމައި ކޮންމެ ފުޅިއަކަށް 1 ރުފިޔާގެ ރީފަންޑެއް ލިބޭނެ . " ރައްދު ޓީމުން ފަރާތުން އަފްރާ ވިދާޅުވިއެވެ.
ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތް ދޭން ފަށާފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ވެމްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ " ޕަބްލިކް ލިޓަރިންގް " ގެ މައްސަލަ ކަމަށް ވާ އިރު އެކަންތައް ހައްލުކޮށް ވެށި ރީތިކޮށް ބެހެއްޓުމަށް އެކުންފުނިން ދަނީ ވަރަށް ގިނަ މަސަތްކަތް ކުރަމުންނެވެ.