އަންނަ ހަފްތާ ތެރޭގައި މާލޭގައި ދެ ޕާކިންގް ޒޯން ހުޅުވާނެ ކަމަށާއި އައު ޕާކިންގް ޒޯންތައް ހުޅުވިޔަސް މާލެއަށް ދިމާވެފައިވާ ޖާގަ ނެތުމުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
މާލޭގެ އަލަށް ހަދާ ޕާކިންގް ޒޯނުގެ މައުލޫމާތު ހިއްސާކުރުމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޝަމާއު ވިދާޅުވީ މިހާރު ވެސް އިތުރު ޕާކިންގް ޒޯންތައް ހެދުމަށް ބިން ހޯދުމަށް މަސަތްކަތް ކުރަމުން އަންނަ ކަމަށާއި އެ ގޮތުން މިނިސްޓްރީތަކާ ވަހަކަ ދައްކައިގެން އެކަން ކުރަމުން އަންނަ ކަމަށެވެ. އަލަށް ހުޅުވަ ދެ ޕާކިންގް ޒޯނުގައި ޕާކް ކުރެވޭނީ 500 އެއްހާ ސައިކަލަށް ކަމަށާއި މިހާރު ހުޅުވުމަށް ރަވާފައިވާ ޕާކިން ޒޯންތަކާ އެކު ވެސް ލިބޭނީ 2000 ސައިކަލުގެ ޖާގަ ކަމަށް ޝަމާއު ވިދާޅުވިއެވެ. މާލެ މަގުތަކުގެ 44 އިންސައްތަ ސައިކަލުތައް ޕާކްކޮށްފައިވާއިރު އިތުރު ޒޯންތައް ހަދަން ހުސްތަނެއް ނެތްކަން ޝަމާއު ފާހަގަކުރެއްވިއެވެ.
ޝަމާއު ވިދާޅުވީ ބިން ހޯދުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުން ދާ ކަމަށާއި ބިންތައް ތިބެނީ ކޮންމެ ވެސް މިނިސްޓްރީއެއް ނުވަތަ އަމިއްލަ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ކަަމަށެވެ.
އަންނަ ހަފްތާ ތެރޭގައި ހުޅުވުމަށް ހަމަޖެހިފައި ވަނީ މަޖީދިއްޔާ ކައިރީގައި ތަރައްގީކޮށްފައިވާ ޕާކިންގް ޒޯނާއި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ފިނޭންސް މިނިސްޓްރީ ސަރަހައްދުގައި އަޅައިދެއްވި ޕާކިންގް ޒޯން ކަމަށް ޝަމާއު ވިދާޅުވިއެވެ. އަދި ވެލާނާގެ ސަރަހައްދުގަ އާއި އެމްއެމްއޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދާއި މާފަންނު ސަހަރާ ކައިރީގައި ހަދަމުންދާ ޕާކިންގް ޒޯންތައް ވެސް ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށާއި ދުވާ ޓްރެކް ކައިރީގައި ވެސް ޕާކް ކުރުމަށް ތަނެއް ކަނޑައެޅުމަށް ޔޫތު މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށް ޝަމާއު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމިން ސަރުކާރުގެ ހައުސިންގް މިނިސްޓްރީން ވަނީ މާލޭގައި 20 ޕާކިންގް ސިސްޓަމް ގާއިމް ކުރުމަށް ނިންމާފައެވެ. އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދިޔަ ނަމަވެސް، މިދިޔަ ސަރުކާރު ނިމިގެން ދިޔައިރު ވެސް މެކޭނިކަލް ޕާކިންގް ސިސްޓަމްތައް ވަނީ ބޭނުން ކުރެވޭވަރު ނުވެފައެވެ.