އެނާރޖީ އެފިޝިއެންސީ ބެޖްގެ ނަމުގައި ޚާއްސަ ބެޖެއް އެންވަޔަރމަންޓް މިނިސްޓްރީން ހޯމަ ދުވަހު ތައާރަފްކޮށްފިއެވެ.
ގާރލްސް ގައިޑް އެސޯސިއޭޝަނާއި، ސްކައުޓްސް އެސޯސިއޭޝަނުން އެންވަޔަރމަންޓް މިނިސްޓްރީއާ ގުޅިގެން ތައާރަފްކުރި މި ބެޖް އިފްތިތާހުކޮށްދެއްވީ އެންވަޔަރމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަންއެވެ. އެގޮތުން މިނިސްޓަރ ވަނީ މި ބެޖުގެ ރަމްޒީ ފިލާ ދެ އެސޯސިއޭޝަނާ ހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ބެޖަކީ ރާއްޖޭގެ ހަކަތަ އެކަށީގެންވާ އަދި އެފިޝިއެންޓް ގޮތެއްގައި ބޭނުން ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށާއި، އެނާރޖީ އެފިޝިއެންސީއާ މެދު ރައްޔިތުން ހޭލުންތެރިވާން ޖެހޭ ކަމަށެވެ.
" ދިވެހިރާއްޖެއަކީ ރާއްޖޭގައި އުފައްދާ ހަކަތައިގެ 94 ޕަސެންޓް މިހާރުވެސް ޑީސަލް އަންދައިގެން ކަރަންޓު އުފައްދާ ޤައުމެއް، ހަމައެކަނި އަޅުގަނޑުމެން އުފައްދާ ކަރަންޓުގެ 6% ސޯލާއިން މިވަގުތު އުފެދެނީ، މާލޭ ސަރަހައްދަަށް ބަލާއިރުގައި އަޅުގަނޑުމެން ކަރަންޓް ބޭނުންކުރާ މިންވަރު އަހަރުން އަހަރަށް 9 ޕަސެންޓް 11 ޕަސެންޓް އިތުރުވޭ، ބޭނުންކުރާ ހަކަތައިގެ މިންވަރު ނޫނީ ކަރަންޓު އިތުރުވަމުން މި ދަނީ އެއްގޮތަކަށްވެސް އާބަދީ ބޮޑުވާ ނިސްބަތަކުން ނޫން ހަމައެކަނި، އާބަދީ އިތުރުވީމަ، ގެދޮރުގެ އަދަދު އިތުރުވީމާ ވެސް ބޭނުންކުރާ ހަކަތައިގެ މިންވަރު އިތުރުވޭ،" މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ގާރލްސް ގައިޑް އެސޯސިއޭޝަނާއި ސްކައުޓް އެސޯސިއޭޝަނުން ބައިވެރި ވެފައިވާއިރު، ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްކައުޓް އެސޯސިއޭޝަންގެ ރައީސް ހުސައިން މުހައްމަދު ހަނީފް ވިދާޅުވީ، ރާއްޖޭގައި ޒުވާނުން ތަމްސީލުކުރާ އެންމެ ބޮޑު ދެ ޖަމާއަތާ ގުޅިގެން މިނިސްޓްރީން މިފަދަ މަސައްކަތެއް ކުރީތީ ޝުކުރުވެރިވާ ކަމަށާއި، ތިމާވެއްޓާ ގުޅުން ހުރި ކަންކަމުގައި އެކަށީގެންވާ އަޅާލުމާއި ހޭލުންތެރިކަން އުފައްދަންޖެހޭ ކަމަށެވެ.
އެނާރޖީ އެފިޝިއެންސީ ބެޖަކީ މިނިސްޓްރީއާއި ގާރލްސް ގައިޑް އެސޯސިއޭޝަން އަދި ސްކައުޓް އެސޯސިއޭޝަނުން ގުޅިގެން ހަކަތަ އެންމެ އެފިޝިއެންޓް ގޮތުގައި ބޭނުން ކުރުމާ ބެހޭގޮތުން އުނގެނުމާއި ހޭލުންތެރި ކުރުވުމުގެ މަޤްސަދުގައި 2016 ވަނަ އަހަރު ސޮއި ކުރެވުނު އެމްއޯޔޫއެއްގެ ދަށުން ކުރެވުނު މަސައްކަތެކެވެ. އެގޮތުން މި ބެޖް ހާސިލު ކުރުމުގެ ފުރުސަތު ދެ އެސޯސިއޭޝަންގެ މެމްބަރުންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.