ހުޅުމާލެ ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ދޭން ފަށައިފިއެވެ.
އާދިއްތަ ދުވަހު ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެ ހޮސްޕިޓަލުގައި ގާއިމްކުރި ރޭޑިއޮލޮޖީ ޑިޕާޓްމަންޓް ހުޅުވައިދެއްވާ ވިދާޅުވީ ސިއްހީ ދާއިރާގައި އެންމެ އިސްކަންދޭންޖެހޭ އެއް ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި ގިނަ ބަޔަކު ދިރިއުޅުމުން އަންނައިރު ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރަން ޖެހޭ، ކުރިއަށް އޮތްތާނގައި އިތުރު ޚިދުމަތްތައް ފެށޭނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ސިއްހީ ޚިދުމަތް ހޯދުމަށް މާލެ އަންނަން ނުޖެހި، ހުޅުމާލެގައި ސިއްޙީ ޚިދުމަތް ތަރައްގީ ކުރުން ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ އާ ރޭޑިއޮލޮޖީ ޑިޕަރޓްމަންޓުން އެމްއާރްއައި ހެދުމުގެ އިތުރުން އެކްސްރޭ ނެގުމާއި، އަލްޓްރާ ސައުންޑް ސްކޭން ހެދުމަތްތައް ލިބޭނެއެވެ. އަދި އަލަށްފެށި އެމްއާރްއައި ޚިދުމަތުގެ ސަބަބުން ކެންސަރާއި، ނާރުގެ ބަލިތަކާއި ސިކުނޑީގެ ބަލިތައްފަދަ ބޮޑެތި ބަލިތަކަށް ހުޅުމާލޭ ހޮސްޕިޓަލުން ޓެސްޓް ހެދޭނެއެވެ.
ނަމަވެސް، އުރަމަތީގެ ކެންސަރު ހުންނަ މީހުން ސްކްރީން ކުރުމަށް މެމޮގްރަފީ އާއި ސީޓީ ސްކޭންގެ ޚިދުމަތްތައް ފަށުމަށް ދެތިން ހަފްތާ ނަގާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.