އޮންލައިން ކޮށް ޕާސްޕޯޓަށާއި ރެވެނިއު ސްޓޭމްޕަށް ފައިސާ ދެއްކޭގޮތް މޯލްޑިވްސް އިމިގްރޭޝަނުން ހަދައިފިއެވެ.
އިމިގްރޭޝަނުން ބުނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ހޯމަ ދުވަހުން ފެށިގެން އޮންލައިން ކޮށް ޕާސްޕޯޓަށާއި ރެވެނިއު ސްޓޭމްޕަށް ފައިސާ ދެއްކޭގޮތް ހަމަޖައްސާފައިވާ ކަމަށެވެ.
އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭގޮތް ހަދާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 27 ގައެވެ. އިމިގްރޭޝަނުން ބުނީ އީމެއިލް މެދުވެރިކޮށް އެ މީހަކަށް ފޮނުވާ ލިންކެއްގެ ތެރެއިން ޕާސްޕޯޓަށާއި ރެވެނިއު ސްޓޭމްޕަށް ބޭނުންވާ ފައިސާ ދެއްކޭނެ ކަމަށެވެ.
އަދި އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހެއްދުމަށް ކުރިން 48 ގަޑިއިރު ހޭދަވިޔަސް، އެ ޚިދުމަތް މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އިމިގްރޭޝަނުން ބުނީ އޮންލައިންކޮށް ޕާސްޕޯޓް ހައްދަން އެދުމުން އިމިގްރޭޝަނަށް ހާޒިރުވާން ޖެހޭނީ ހަމައެކަނި ޕާސްޕޯޓާ ހަވާލުވުމަށް ކަމަށެވެ.
އޮންލައިންކޮށް ޕާސްޕޯޓަށް އެދެވި ފައިސާ ދެއްކުނު ކަމުގައި ވިއަސް ޕާސްޕޯޓް ދޫކުރާނީ މާލެއާއި އައްޑޫސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށިން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތްދޭ ކޮންމެ މަރުކަޒަކުން ޕާސްޕޯޓް ނަގަން ވެސް އެދެވޭނެއެވެ.