ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ ކޯރަމް ހަމަ ނުވެގެން ފެށުން ލަސްވެއްޖެއެވެ.
ޖަލްސާ ނުވައެއް ޖެހިއިރު ފަށަން މަސައްކަތްކޮށް، ކޯރަމް ހަމަނުވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވިދާޅުވެފައި ވަނީ ޖަލްސާ 9:30 ގައި ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މަޖިލިސް ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމަކީ 22 މެމްބަރުންނެވެ. ދައުރުގެ ފަހުގެ ޖަލްސާތައް ކޮންމެ ދުވަހަކު ވެސް ފެށިފައި ވަނީ ޖަލްސާ ފަށަން ކަނޑައަޅާފައިވާ އޮންނަ ގަނޑިއަށް ވުރެ ލަހުންނެވެ.
ދައުރުގެ އެންމެ ފަހު ޖަލްސާ އަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްތަކައް ބަހުސް ކުރުމަށް އެޖެންޑާކޮށްފައެވެ.
އާ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމުން އުއްތަމަ ފަނޑިޔާރުގެ މަގާމުން ވަކިވެވަޑައިގެންނެވި، މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔަތް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހަށް ވޯޓަށް އެހުންވެސް ވަނީ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.