ގަވައިދާއި ހިލާފަށް ޕާކްކޮށްގެން ނިމިގެންދިޔަ ހަފްތާގެ ތެރޭގައި 1000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކޮންމެ ހަފްތާއަކު ފުލުހުން އާންމުކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިގެންދިޔަ ހަފްތާގެ ތެރޭގައި ގަވައިދާއި ހިލާފަށް ޕާކްކޮށްގެން 1082 މީހަކު ޖޫރިމަނާކޮށް، ސްޓިކަރ ޖަހާފައިވެއެވެ. އަދި ނިމިގެންދިޔަ ހަފްތާގެ ތެރޭގައި މާލޭގައި 56 އެކްސިޑެންޓެއް ހިނގިއިރު، 15 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ހޯދައިފައިިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ފުލުހުންގެ ހިސާބުތައް ދައްކާގޮތުން އެކްސިޑެންޓުތަކާއި ގުޅިގެން 7 މީހެއްގެ ލައިސެންސް ނިމުގެންދިޔަ ހަފްތާގެ ތެރޭގައި ހިފަހައްޓާފައިވެއެވެ.
ޓްރެފިކް ޑިޕާޓްމެންޓްގެ ތަފާސް ހިސާބުތައް (ޖުުމްލަ 474 ވެހިކަލެއް ޗެކްކުރި)
- 64 މީހަކު ލައިސެންސް ނުނަގާ ދުއްވައިިގެން ހިފެހެއްޓި
- 44 މީހަކު ލައިސެންސް ނުލާ ދުއްވުމުގެ ސަބަބުން ހިފެހެއްޓި
- 10 މީހަކު އިންސިއުރެންސް ނެތި ދުއްވައިގެން ހިފެހެއްޓި
- އަހަރީ ފީ ނުދައްކާ ދުއްވި 16 މީހަކު ހިފެހެއްޓި
- 18 އަހަރުން ދަށުގެ 5 ކުއްޖަކު ހިފެހެއްޓި
- ލިމިޓަށް ވުރެ ބާރަށް ދުއްވައިގެން 18 މީހަކު ހިފެހެއްޓި
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޤާނޫނާއި ހިލާފަށް ޓެކްސީކުރި 3 މީހަކު ހިފަހައްޓާފައިވެއެވެ. އަދި އިތުރަށް ފަސެންޖަރުން އަރުވައިގެން ދުއްވި 02 މީހަކު ހިފަހައްޓާފައިވާއިރު، ހެލްމެޓް ނާޅާ ދުއްވި 15 މީހަކު ހިފަހައްޓާފައިވެއެވެ.