ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ މެންބަރުންނާ ބައްދަލު ކުރައްވައިފި އެވެ.
އާދިއްތަ ދުވަހު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، ވޭމަންޑޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ވޭމަންޑޫ ކައުންސިލުންވަނީ، ވޭމަންޑުއަކީ އަތޮޅުވެރިކަން ކުރާ ރަށް ކަމަށްވުމާއެކު ވެރިކަން ކުރާ ރަށެއްގެ ސިފަ އެރަށަށް ލިބުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ހާމަ ކުރައްވާފައެވެ. މިގޮތުން، ރައްޔިތުންނަށް ރަށުން ލިބެންޖެހޭ ބައެއް އަސާސީ ޚިދުމަތްތައް ވެސް ރަށުގައި ފުރިހަމަ ނުވާ ކަމަށާއި، އެރަށަކީ ކޮންމެ ދުވަހަކު ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށެއް ކަމުގައި ވީނަމަވެސް އެކަށީގެންވާ ބަނދަރެއް ވޭމަންޑޫގައި ނެތްކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.
އަދި ރަށުގެ މަގުތައް އެކަށީގެންވާ ފެންވަރަކަށް ހެދިފައި ނެތުމުގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަންޖެހިފައިވާ ކަމުގައި ވެސް ކައުންސިލް މެންބަރުން ވިދާޅުވިއެވެ.
މި ބައްދަލު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލު ކޮށްދެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ހުރިހާ ގޮތަކުން ކައުންސިލްތައް ބާރުވެރި ކުރުވައި، ލާމަރުކަޒީ ނިޒާމުގެ ދަށުން ވެރިކަން ހިންގެވުމަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލި އަޅުއްވައިލެއްވިއެވެ.