ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަޤާމަށް ގީލާ އަލީ އައްޔަންކޮށްފި އެވެ.
ޕީއެންސީގެ ނައިބް ރައީސް އަހުމަދު ނިހާން ހުސެއިން މަނިކް ކުރެއްވި ޓުވީޓެއްގައި ވަނީ އެސްޖީއަކަށް ގީލާ އައްޔަން ކޮށްފައިވާކަން ހާމަކޮށް، މަރުހަބާ ކިޔާފަ އެވެ. ގީލާއަކީ ޕީއެންސީގެ ޓިކެޓްގައި ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅެކެވެ.
ޕީއެންސީގެ އެސްޖީގެ މަޤާމުގައި މީގެކުރިން ހުންނެވީ މުހައްމަދު ތޮލާލް އެވެ. ޕީއެންސީގެ އެސްޖީގެ މަޤާމު ހުސްވީ، ތޮލާލު ޕީއެންސީގެ މަޝްވަރާ މަޖިލީހަށް (ކައުންސިލަށް) އިންތިހާބުވެވަޑައިގެންނެވުމުންނެވެ.
ޕީއެންސީގެ މަތީ މަޖިލީސް (ކޮންގްރެސް) ނިމުނު ހުކުރު ދުވަހު ބާއްވާ އެ ޕާޓީގެ މަޤާމުތަކަށް މީހުން ވަނީ އައްޔަންކޮށްފަ އެވެ. އެގޮތުން ޕީއެންސީގެ ނައިބް ރައީސް ކަމަށް ވަނީ މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އަހުމަދު ނިހާން ހުސެއިން މަނިކާއި، އިބްރާހިމް ސުޖާއު އާއި، މުހައްމަދު ސައީދު އިންތިހާބުކޮށްފަ އެވެ. އަދި ވޯޓަކަށް ނުގޮސް، އެ ޕާޓީގެ ރައީސްކަން އަބްދުއްރަހީމް އަބްދުﷲ ވަނީ ހޯއްދަވާފަ އެވެ.
ކޮންގްރެސްގައި ވަނީ އެ ޕާޓީގެ ކައުންސިލަށް 20 ބޭފުޅަކު ވެސް އިންތިޚާބުކޮށްފަ އެވެ.