ސްރީލަންކާގެ ސްކޫލްތައް ވަގުތީ ގޮތުން ބަންދު ކޮށްފައިވާތީ، އެ ގައުމުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަމުން އެބަދެއެވެ.
އޭޕްރީލް 21 ވަނަ ދުވަހު ސްރީ ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ސްކޫލްތައް ވަނީ އަންނަ މަހުގެ ހަވަނަ ދުވަހާއި ހަމައަށް ބަންދުކޮށްފައެވެ. ސްރީލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާއިރު، އޭގެ ތެރެއިން ގިނަ އާއިލާތަކަކީ ކުދިންނަށް މަތީ ތައުލީމް ހާސިލް ކޮށްދިނުމަށް އެ ގައުމުގައި ދިރިއުޅެމުންދާ އާއިލާތަކެވެ.
ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު ރާއްޖެ އެމްވީއަށް ވިދާޅުވީ ސްރީލަންކާގައި ހިގައިދިޔަ ބޮމުގެ ހަމަލާތަކާއި ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އެއްވެސް ބިރުވެރި މާހައުލެއް ނެތް ކަމަށެވެ. އަދި އެ ގައުމުގައި އުޅޭ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ސަފީރު ވިދާޅުވިއެވެ.
ސްރީލަންކާގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށްގެންދަނީ ޒީރޯ ޓޮލަރެންސް އޮޕަރޭޝަނެކެވެ. އެމީހުންނަށް ކިރިޔާ ޝައްކެއްވާފަދަ އަމަލެއް ފެންނަ ނަމަ، ކޮންމެ ގައުމަކަށް ނިސްބަތްވާ މީހެއް ކަމުގައިވީ ނަމަވެސް، އެއްވެސް ސުވާލު ކުރުމެއް ނެތި ދަނީ ހައްޔަރު ކުރަމުންނެވެ. އަދި ކޯޓް އަމުރަކާއި ނުލައި ގެތަށް ބަލާ ފާސްކުރުމުގެ އަމުރު ، އެ ގައުމުގެ އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުން ސްރީލަންކާ ސަރުކާރުން ވަނީ އެ ގައުމުގެ ފުލުހުންނަށް ދީފައެވެ.
ސަފީރު ވިދާޅުވީ ސްރީލަންކާގެ ފުލުހުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން އެ ގައުމުގެ ގެތައް ޗެކްކުރަމުން އަންނައިރު، ގިނަ އަދަދެއްގެ މީހުންގެ ވިސާގެ މުއްދަތު ހަމަވެ، ވިސާ އައު ނުކޮށް ތިބި މައްސަލަ އެމްބަސީއަށް ފާހަގަވެފައިވާ ކަމަށެވެ. ވިސާގެ މުއްދަތު ހަމަވެ، ވިސާ އައުނުކޮށް އެ ގައުމުގައި ދިރިއުޅުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށާއި، އެކަމަށް ހުރިހާ ދިވެހިން ސަމާލުކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ސަފީރު ވިދާޅުވިއެވެ. މިވަގުތަކީ ވަރަށް ނާޒުކު ވަގުތެއް ކަމަށާއި، ހުރިހާ އެންމެން ވެސް ވިސާގެ މުއްދަތު ހަމަވެފައިވޭތޯ ޗެކްކޮށް، މުއްދަތު ހަމަވެފައިވާނަމަ އަވަހަށް ވިސާ އައު ކުރުމަށް ސަމާލުކަން ދިނުމަށް ސަފީރުވަނީ އެދިވަޑައިގެންފައެވެ.
ސްރީލަންކާ ސަރުކާރުން ހިންގަމުންދާ ޚާއްސަ އޮޕަރޭޝަންގައިވަނީ ހަ ދިވެހިން ހައްޔަރު ކޮށްފައެވެ. އެއީ ބުރާސްފަތި އަދި ހުކުރު ދުވަހުގެ އޮޕަރޭޝަންގައެވެ. އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުކުރުދުވަހު ކޯޓަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން ނިގަމްބޯއިން ހައްޔަރު ކޮށްފައިވާ އިންޖިނިއަރިން ކިޔަވަމުން އަންނަ ހަތަރު މީހުންނާއި ހަވާލުވާން އެ މީހުންގެ އާއިލާތަކުން އައުމަށް، ކޯޓުން ވަނީ އަންގާފައެވެ. އާއިލާގެ މީހަކު ހަވާލުވަންދެން އެމީހުން ތިބޭނީ ލަންކާގެ ރިމާންޑް ޖަލުގައެވެ. އާއިލާ މީހަކު އަންނަ ހޯމަ ދުވަހު އެ މީހުންނާއި ހަވާލުވާން ދާނެ ކަމަށް ބުނެފައިވާ ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.
އިންޖިނިއަރިން ކިޔަވަމުންދާ ހަތަރުކުދިންގެ އިތުރުން، ދެން ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ބަންދުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.