މާލެ ވިޔަފާރި ބަނދަރަށް ކޮންޓެއިނާއެއް ބާލަން އުޅެނިކޮށް އާގުބޯޓެއްގެ ކެރޭނު ބިންދައިގެން ހިނގައްޖެއެވެ.
އެމްޕީއެލްގެ މުވައްޒަފަކު ރާއްޖެއެމްވީއަށް ބުނީ އާގުބޯޓަކުން ކޮންޓެއިނާއެއް ބާލަން އުޅެނިކޮށް، ކެރޭނެއް ބިންދައިގެންގޮސްފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. ނަމަވެސް ކެރޭނު ބިންދައިގެން ދިއުމުން، އެ ސަރަހައްދުގައި ހުރި ބައެއް މުދަލަށް ގެއްލުންވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އެމްޕީއެލް މަގަތު ފާލަމަށް މުދާ ބާލަނިކޮށް، ބިންދައިގެން ދިޔަ ކެރޭނަކީ އާގު ބޯޓުގައި ހަރުކޮށްފައި ހުރި ކެރޭނެކެވެ.
މާލެ ވިޔަފާރި ބަނދަރަށް ކޮންޓެއިނާ ބޭލުމުގެ ތެރޭގައި އެކި ހާދިސާތައް އާންމުކޮށް ހިނގައެވެ. އެމްޕީއެލުން ގެންގުޅޭ ބަރު އުޅަނދުތައް ދުވަސްވުމުގެ ސަބަބުން ހަލާކުވެ، މަރާމާތައް ވަނީ ބޭނުންވެފައެވެ. އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ އެ ކުންފުނިން ބޭނުންކުރާ ބަރު އުޅަނދުތައް ބަދަލު ކުރަންޖެހޭ ކަމަށެވެ.