ކ. މާލެ
|
28 އޭޕްރިލް 2019 | އާދީއްތަ 15:27
ސްޕެނިޝް ލީގު ތަށްޓާއެކު ބާސެލޯނާ
ސްޕެނިޝް ލީގު ތަށްޓާއެކު ބާސެލޯނާ
ގޫގުލް
ސްޕެނިޝް ލީގު
ސްޕެނިޝް ލީގު: މެސީގެ ލަނޑުން ބާސާ ލީގު ކާމިޔާބުކޮށްފި
ބާސެލޯނާ މެޗު ކާމިޔާބުކުރީ ލެވެންޓޭ އާއި ވާދަކޮށް 0-1

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗު ލިއޮނަލް މެސީ ކާމިޔާބުކޮށް ދިން ލަނޑާއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. 

ބާސެލޯނާ މެޗު ކާމިޔާބުކުރީ ލެވެންޓޭ އާއި ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ. 

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، ހޮނިހިރު ދުވަހުގެ މެޗު ފެށީ ބާސާގެ ތަރި ލިއޮނަލް މެސީ ނުހިމަނައެވެ. މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ބާސާއަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރައި ލިއޮނަލް މެސީއެވެ. 

ބާސެލޯނާއަށް ލީގު ކަށަވަރުވީ ހޮނިހިރު ދުވަހުގެ މޮޅާއެކު 83 ޕޮއިންޓް ހޯދައި ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް އިތުރު ކޮށްގެންނެވެ. ލީގުގައި ބާކީ ތިން މެޗުން އެތުލެޓިކޯ މެޑްރިޑް މޮޅުވެ ޕޮއިންޓްގެ ގޮތުން ބާސާއާއި އެއްވަރުވި ނަމަވެސް ހެޑް-ޓު-ހެޑް ކުރި ލިބޭނެ ގޮތެއް ނެތެވެ.

ހޮނިހިރު ދުވަހު ލީގުގައި މެސީ ކާމިޔާބު ކޮށްދިން ލަނޑާއެކު އޭނާ ލީގުގައި ކާމިޔާބު ކުރި ލަނޑުގެ އަދަދު 34 އަރާއިރު، އޭނާ އާއި އެންމެ ކައިރިން 21 ލަނޑާއެކު ވާދަކުރަނީ ރެއާލްގެ ކަރިން ބެންޒެމާއެވެ.

ބާސެލޯނާއިން ސްޕްނިޝް ލީގު ކާމިޔާބުކުރި މިއީ 26 ވަނަ ފަހަރެވެ. 33 ތަށްޓާއެކު އެންމެގިނަ ފަހަރަށް ލީގު ކާމިޔާބު ކޮށްފައި ވަނީ ރެއާލް މެޑްރިޑްއިންނެވެ. އެހެން ނަމަވެސް މި ސީޒަނުގައި ރެއާލްއަށް ވަނީ ގިނަ ދަތިތަކާއި ކުރިމަތިވެ ރަނގަޅު ނަތީޖާއެއް ނެރުމަށް ހުރަސްތަކާއި ކުރިމަތިވެފައެވެ. 

ލީގު ކާމިޔާބު ކުރެވުމާއެކު ބާސާގެ އަމާޒަކަށް ވާނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ނުކުންނާނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލްއާއި ދެކޮޅަށެވެ. ބާސާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރީ މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް 0-3 ގެ ނަތީޖާ އަކުން ކުރިހޯދައި ކުއާޓާ ފައިނަލް ކާމިޔާބު ކޮށްގެންނެވެ. 

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބާސެލޯނާއާއި ލިވަޕޫލް ވާދަކުރާއިރު، އަނެއްކޮޅުން ސެމީ ފައިނަލުގައި ކުޅޭނީ އަޔަކްސްއާއި ޓޮޓަންހަމްއެވެ. އަޔަކްސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޔުވެންޓަސް ބަލިކޮށްގެންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް