މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް އަލިފާނުގެ ހާދިސާތަކުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއިން "ފަޔަރ ޕްރިވެންޝަން ވީކް 2019" ގެ ނަމުގައި މިއަދު ހަވީރު ޕްރޮގްރާމެއް ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ މާލޭސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކު، މާލޭ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ "ފަޔަރ ޕްރިވެންޝަން ވީކް" ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ، މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ކަމަށާއި އެމްއެންޑީއެފް އޭރިއާތައް ހިމެނޭ ރަށު ކައުންސިލްތަކާ ގުޅިގެން މިއަދުން ފެށިގެން އަންނަ މެއި މަހުގެ 4 ވަނަ ދުވަހާ ހަމައަށް މި ޕްރޮގްރާމް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮގްރާމްގައި، ކުންފުނިތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކަށް ޚާއްޞަކޮށްގެން ވެސް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކުރުވުމުގެ ކުލާސްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި "ފަޔަރ ޕްރިވެންޝަން ވީކް" ޕްރޮގްރާމްގައި، އަލިފާނުގެ ނުރައްކަލަށް ހޭލުންތެރިކުރުވުމުގެ ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތަކާއި، އޮފީސް މާހައުލާއި ގޭތެރޭގައި ދިމާވެދާނެ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތައް ކިޔައިދީ ހޭލުންތެރިކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި ކައްކާ ގޭސް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، އަލިފާން ރޯވެއްޖެ ނަމަ ނިއްވާލާނެ ގޮތުގެ ލައިވް ޑެމޮންސްޓްރޭޝަން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް، މެދުކެނޑުމެއް ނެތި ކުރިއަށްގެންދާތާ މިހާރު ވަނީ ހަތް އަހަރު ވެފައެވެ. އަދި، ފަޔަރ ޕްރިވެންޝަން ވީކަށް އާންމުގެ ވަރަށް ބޮޑު ތަރުޙީބެއް ލިބޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.