ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޔޫއެންޑީޕީ ގުޅިގެން ބާއްވާ ސިމްޕޯޒިއަމެއް ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ހޮޓެލް ޖެންގައި ބާއްވާ މި ސިމްޕޯޒިއަމްއަކީ ސިޔާސީ ގޮތުން އަންހެނުން ބައިވެރިކޮށް ސިޔާސީ ކަންކަމުގައި އަންހެނުން ކުރިއެރުވުމަށާއި އަންހެނުންގެ ހަމަހަމަކަމުގެ އެޖެންޑާއެއް ގާއިމް ކުރުމަށް މަގުފަހި ކުރުވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ޓްރާންސްޕޭރެންސީގެ އެޑްވޮކެސީ އެންޑް ކޮމިއުނިކޭޝަން މެނޭޖާ އައިމަން ރަޝީދު ވިދާޅުވިއެވެ.
އައިމަން ވިދާޅުވީ ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އޮތް ގޮތާއި އަންހެނުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށެވެ. އެ މަޝްވަރާތަކުގައި ބަލާނީ ސިޔާސީ މައިދާނުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެ ގޮންޖެހުންތަކުން އަރައިގަންނާނެ މަގުތައް ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.
އައިމަން ވިދާޅުވީ މަތީ ގިންތީގައި އަންހެނުންގެ ބައިވެރިވުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުން ކަމަށެވެ.
"އަންހެނުންގެ ބައިވެރިވުން މަތީ ގިންތީގައި މިދަނީ ކުރިއަށް ވުރެން ވެސް ދަށަށް. އެހެންވީމަ މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް. ދިވެހިރާއްޖެ ބަލައިގެންފައިވާ ނިޒާމުގެ މައިގަނޑު އެއް މަސްދަރަކީ އެބައެއްގެ ނިންމުންތައް ނިންމަން ތިބޭނީ އެބައެކޭ،" އައިމަން ވިދާޅުވިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ޖެންޑަރ މިނސިްޓަރ ޝިދާތާ ޝަރީފު ވިދާޅުވީ ރާއްޖޭގައި މުޖުތަމައާ ގުޅޭ މުހިއްމު ނިންމުންތަކުގައި އަންހެނުންގެ ބައިވެރިވުން ނުހިމެނޭ ކަން ފާހަގަކުރެވޭ ކަމަށެވެ. ރާއްޖެ ސިޔާސީ ގޮތުން އެންމެ ހަލަބޮލި ވެގެން ދިޔަ ދުވަސްވަރު އަންހެނުން އިސް ސަފުގައި ހަރަކާތްތެރިވެފައިވާ މަންޒަރު ފެނުނު ކަމަށާއި އެހެން ނަމަވެސް މުހިއްމު ނިންމުންތަކުން އަންހެނުން ނުފެނުން އެއީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ޝިދާތާ ދިވާޅުވީ މި ސިމްޕޯޒިއަމުން ނިންމާ ނިންމުންތަކާއި ހިއްސާ ކުރާ މައުލޫމާތުތައް "އިމްޕްލިމެންޓް" ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރެއިން ޖެންޑަރ އިކުއެލިޓީ އޮތް އެއް ގައުމު. އެހެން ނަމަވެސް އެ ގާނޫނު އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒު ވެގެން ނުދިއުމަކީ އޭގައި އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް،" ޝިދާތާ ވިދާޅުވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސިމްޕޯޒިއަމް ނިމޭނީ ހޯމަ ދުވަހު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެއެވެ.