މިދިޔަ ހަފްތާގައި އެކަނި ވެސް 56 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ނެރުނު މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 56 އެކްސިޑެންޓްގެ ތެރެއިން 15 މީހަކަށް ވަނީ އަނިޔާ ވެފައެވެ.
މިދިޔަ ހަފްތާގައި ފުލުހުން ބުނީ ޕާކް ކުރަންޖެހޭ ތަން ނޫން ތަންތަނުގައި ޕާކް ކޮށްގެން 1082 ސްޓިކާ ޖަހާފައި ވާއިރު ފުލުހުން ވަނީ ހަތަރު ފުރޮޅުލީ 14 އުޅަނދާއި 46 ސައިކަލެއް ޓޯ ކޮށްފައެވެ.
ބާރު ސްޕީޑެއްގައި ދުއްވައިގެން 18 މައްސަލައެއް އަދި 18 އަހަރު ނުފުރޭ ކުދިން އެއްގަމު އުޅަނދު ދުއްވި ފަސް މައްސަލައެއް ފުލުހުން ވަނީ މިދިޔަ ހަފްތާގައި ބަލަން ފަށާފައެވެ.
ފޯނުގައި ހެޑްސެޓް ޖަހައިގެން 29 މައްސަލައެއް ފުލުހުންނަށް ފާހަގަވެފައިވާއިރު ހެލްމެޓް ނާޅާ 15 މައްސަލައެއް ފުލުހުންނަށް ވަނީ ފާހަގަ ވެފައެވެ.
މި ފަހަކަށް އައިސް މާލޭގައި އެކްސިޑެންޓްތައް އިތުރުވެ އެކްސިޑެންޓްތަކުގައި އަނިޔާ ލިބެމުންދާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.