ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ އައިޓީ ހެޑްގެ މަގާމުގައި ހުންނެވި މުސްތަފާ އަޒްމީ ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވުމަށް އެސްޓީއޯގެ މުއައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ނިކުމެއްޖެއެވެ.
އެކުންފުނީގެ މެނޭޖްމަންޓުން ވަނީ އަޒްމީ ނިޔާވުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ހުރިހާ މުއައްޒަފުން ވެސް ކަޅު ހެދުމުގައި އާދީއްތަ ދުވަހު އޮފީހަށް ނިކުތުމަށް އެދިފައެވެ.
އަޒްމީ ނިޔާވެފައި ވަނީ މާފަންނުގައި ހުންނަ މުހައްމަދު ޖަމީލް މިސްކިތުގެ ލަކުޑި މަސައްކަތެއް ކުރަން އުޅެނިކޮށް، އެތަނުގެ ދެވަނަ ފަންގިފިލާއިން ވެއްޓި ބޮލަށް ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ހޮނިހިރު ދުވަހުއެވެ. އަޒްމީ ނިޔާވެފައިވަނީ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިއުމަށް ފަހު، ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް އިންޑިއާ އިން ބުނުމުން އަނބުރާ ރާއްޖެ ގެނައި ފަހުންނެވެ.
އަޒްމީ ވަނީ އެސްޓީއޯގައި 25 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ. އޭނާއަކީ އަމިއްލަ ޝައުގުވެރިކަމާ އެކު ވަޑާމުގެ މަސައްކަތް ވެސް ކުރައްވާ ބޭފުޅެކެވެ.
ހޮނިހިރު ދުވަހު އަަޒްމީގެ ޖަނާޒާ ބާއްވާފައިވާއިރު އެ ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.