ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި 386 ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ކަނޑައެޅިފައިވާ މުއްދަތަށް ހުށަހަޅާފައި ވަނީ 347 ކެންޑިޑޭޓުން ކަމަށާއި އާ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅުއްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މާލީ ބަޔާން ހުށަހަޅަން ޖެހޭ މުއްދަތު ހޮނިހިރު ދުވަހުގެ ރޭ 12:00 ހަމަވެފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ މުއްދަތު ހަމަވިއިރު މާލީ ބަޔާން ފުރިހަމަކޮށް ހުށަހަޅާފައި ނުވަނީ 39 ކެންޑިޑޭޓުން ކަމަށެވެ. އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ 31 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައި ނުވާއިރު، އަދާލަތުގެ އެއް ކެންޑިޑޭޓަކު، އެމްޓީޑީގެ ދެ ކެންޑިޑޭޓުން، ލޭބާ ޕާޓީގެ ދެ ކެންޑިޑޭޓުން، އަދި ޕީއެންސީގެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ދެ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށް އަމްޖަދު ވިދާޅުވިއެވެ. ޖުމްހުރީ ޕާޓީ އާއި އެމްޑީޕީ، ޑީއާރުޕީ އަދި އެމްޑީއޭގެ ޓިކެޓްގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ވަނީ ހުށަހަޅުއްވާފައެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭ ގޮތުން ކޮށްފައިވާ މަޢުލޫމާތާއި ތަކެތި ހިމެނޭ ގޮތުގެ މަތިން ރިޕޯޓެއް ތައްޔާރުކޮށް އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން 21 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކަމިޝަނަށް ހުށައަޅަން ޖެހެއެވެ. އެ ރިޕޯޓުގައި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލާއި އިންތިޚާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭ ގޮތަށް ހުށައަޅަން ޖެހެއެވެ.
މީގެ އިތުރުން އިންތިޚާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދި ގޮތުގެ ތަފްސީލާއި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެ ފަރާތްތަކުން ދިން މިންވަރުގެ ތަފްޞީލު ހިމަނަން ވާނެ ކަމަށެވެ. މީގެ އިތުރުން ކެންޑިޑޭޓުން ހުށައަޅާފައިވާ އިންތިޚާބުގެ ބޭންކް އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް އެ ރިޕޯޓުގައި ހިމަނަން ޖެހެއެވެ. ގާނޫނުގައިވާ ގޮތުން ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓް ކުރާ ފަރާތަކުން އޮޑިޓުކޮށްފައިވާ މާލީ ބަޔާނަކަށް ވާން ޖެހެއެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން އެ ގާނޫނުގައި ވަކި ގޮތަކަށް ކުރުމަށް ކަނޑައެޅިފައިވާ ކަމެއް އެނޫން ގޮތަކަށް ކޮށްފި މީހަކު ނުވަތަ ކުރަން އުޅެފި މީހަކު ކުށްވެރި ވެއްޖެ ނަމަ އެ މީހެއްގެ އަދަބަކީ ހަ މަސްދުވަހާއި ދެ އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6،000ރ. އާއި 24،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އީސީން ދީފައިވާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅާފައިނުވާ ކެންޑިޑޭޓުން ގާނޫނުގައި ބުނެފައިވާ ގޮތުން އަދަބެއްގެ ގޮތުގައި ޖަލަށް ލުން ނުވަތަ ޖޫރީމަނާ ކުރެވިދާނެއެވެ.