އިންޑޮނީޝިއާގައި މި މަހު ބޭއްވި އާންމު އިންތިޚާބުގައި ވާދަކުރައްވައި، ދިވެއްސަކާއި ކައިވެނިބައްލަވައިގެން އުޅުއްވާ އެ ޤައުމުގެ ކަނބަލަކު މުހިއްމު ކާމިޔާބީއެއް ހޯއްދަވައިފިއެވެ.
ރިޔާސީ އިންތިޚާބާއިވެސް އެކުގައި މި މަހު ކުރިއަށްދިޔަ އިންތިޚާބު، މިހާރުވެސް ވެރިކަން ކުރާ ކޯލިޝަނުން ކާމިޔާބުކުރިކަމަށް ވަގުތީ ނަތީޖާ ދައްކާއިރު، އެ ޤައުމުގެ ރައީސް ޖޯކޯ ވިދޯދޯވެސް ވަނީ އާ ދައުރަކަށް އިންތިޚާބު ވެވަޑައިގެންފައެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕީކޭބީގެ ޓިކެޓުގައި މި އިންތިޚާބުގައި ވާދަކުރައްވައި ޖަކާޓާގެ ދެކުނު ތަމްޞީލުކުރުމަށް ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބު ވެވަޑައިގަތީ އުމުރުން 45 އަހަރުގެ ތަތީ ރަޙުމަވަތެވެ. ހަތަރު ލައްކައަށްވުރެ ގިނަ މީހުންގެ އާބާދީއެއް ތަމްޞީލުކުރުމަށް ޖަކާޓާގެ ދެކުނުން އިންތިޚާބުކުރާ ނުވަ މެންބަރުންގެ ތެރެއިން އެއް މަޤާމަށް ތަތީ އިންތިޚާބުވެވަޑައިގަތީ 180 ކެނޑިޑޭޓުންނާއި ވާދަކުރައްވައި ފަސް ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.
ތަތީ ވަނީ މީގެ އަހަރެއްހާ ދުވަސްކުރިން ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އަޙުމަދު ހަލީމް އާއި ކައިވެނި ބައްލަވައިގެންފައެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އަންނަ މޭމަހުގެ 22 ވަނަ ދުވަހު އާންމު ކުރުމަށް ހަމަޖެހިފައިވާއިރު، ތަތީގެ މި ކާމިޔާބަކީ އެތައް ގޮތަކުން ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
އެގޮތުން ތަތީ އިންތިޚާބު ކާމިޔާބުކުރެއްވި ދާއިރާއަކީ ވޭތުވެދިޔަ 15 ވަރަކަށް އަހަރުވެސް ސަރުކާރަށް ގޮނޑިއެއް ކާމިޔާބުނުކުރެވި، އިދިކޮޅު ފަރާތްތަކަށް އަޣުލަބިއްޔަތު ތާއީދު އޮތް ދާއިރާއެއް ކަމުން މިއީ ރައީސް ޖޯކޯގެ ސަރުކާރަށް ލިބުނު ނުހަނު ބޮޑު ކާމިޔާބެކެވެ. އަދި މިއީ އިންޑޮނީޝިއާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ކަނބަލުންނަށް ވެސް ލިބުނު މޮޅެއްގެ ގޮތުގައި ގިނަ ފަރާތްތަކަކުން ވަނީ ސިފަކޮށްފައެވެ.
ރާއްޖޭގެ މީޑިއާތަކަށް ތަތީގެ ކެމްޕެއިން އާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ތަތީގެ ފިރިކަލުން ހަލީމް ވިދާޅުވެފައިވަނީ، ނިމިގެންދިޔަ އިންތިޚާބަށް ކުރިމަތިލައްވައި ތަތީ ކުރިއަށްގެންދެވި ކެމްޕެއިނަކީ އިންޑޮނީޝިއާގައި ސިޔާސީ ކެމްޕެއިންތައް ހިންގާ ގޮތާއި ވަރަށް ތަފާތުކޮށް ކުރިއަށްގެންދިޔަ ކެމްޕެއިންއެއް ކަމަށެވެ.
އެގޮތުން އިންޑޮނީޝިއާގައި އާންމުކޮށް ސިޔާސީ ކެމްޕެއިން ހިންގަނީ ތަންތަނަށް މީހުން އެއްކޮށްގެން ޖަލްސާގެ ގޮތުގައި ނަމަވެސް، ތަތީގެ ކެމްޕެއިން ކުރިއަށްގެންދިޔައީ ރާއްޖޭގައި ކެމްޕެއިން ކުރާ އުސޫލު މިސާލަކަށް ބަލައިގެން، ދޮރުންދޮރަށް ހިނގައިގެން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަދި ރައްޔިތުންގެ ކައިރިއަށްގޮސް، ރައްޔިތުންގެ ހާލު ބައްލަވައި، ތަތީ އެ ރައްޔިތުންނަށް ވެވަޑައިގެންނެވި ބައެއް ވަޢުދުތަކަކީވެސް ރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ބައެއް ވަޢުދުތައް މިސާލަކަށް ބައްލަވައިގެން ވެވަޑައިގެން ވަޢުދުތައް ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ.
އެގޮތުން އަންހެން މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ އެއް އަހަރަށް ހެދުމަށް ވަކާލާތުކުރައްވާނެ ކަމަށް ތަތީ ވަޢުދުވެވަޑައިގަތް ކަމަށާއި، އެ ހުށަހެޅުމަށް ރައްޔިތުންގެ ބޮޑު ތާޢީދެއް ލިބިގެންދިޔަ ކަމަށް، ތަތީގެ ކެމްޕެއިންގައި ހަރަކާތްތެރިވެސް ވެވަޑައިގަތް ހަލީމް ވިދާޅުވިއެވެ. އަދި ހަމަ މިއާއިއެކު ޤާނޫނުހަދާ މަޖިލީހުގައި އަންހެނުންގެ ހިއްސާ ބޮޑުކުރުމަށް ވަކާލާތު ކުރެއްވުމަކީވެސް ތަތީގެ ވަޢުދެއްކަމަށް ހަލީމް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ހަލީމް ވިދާޅުވެފައިވަނީ، ރާއްޖެއާއި އިންޑޮނީޝިއާ އާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ވިސްނުން ތަތީ ގެންގުޅުއްވާ ކަމަށެވެ.