ދިވެހިރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ވީހާ ވެސް ބޮޑަށް ދެމެހެއްޓޭނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީ ސްކައުޓު އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހޮނިހިރު ދުވަހުގެ ރޭ ޖަމާލުއްދީން ސްކޫލުގައި ބޭއްވެވި "ވުޑްބެޖް ރީޔޫނިއަން ބެންކުއެޓް" ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރާއިރު، ގުދުރަތީ ރީތިކަން ދެމެހެއްޓޭނެ ގޮތަށް ތަރައްގީ ގެނައުމުން ކުރިމަގުގެ ޖީލުތަކަށް ރާއްޖޭގެ ޤުދުރަތީ ވެށި، އެގޮތުގައި ހަލާކުނުވެ ފެންނަން އޮންނާނެ ކަމަށެވެ.
ސްކައުޓުގެ ހަމަތަކާއި އުސޫލުތައް ޤައުމުގައި ފެތުރިގެންދާ ވަރަކަށް އޭގެ ހެޔޮ އަސަރު މުޖްތަމައަށް ކުރާނެ ކަމަށާއި އޭގެ ސަބަބުން ފަރުދުންގެ މެދުގައި އެއްބައިވަންތަކަން ވެސް އިތުރުވެގެންދާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްކައުޓް ހަރަކާތުން އޯގާތެރިވުމަށާއި އިތުބާރުހިފޭ ފަރާތަކަށް ވުމަށާއި، ކަންކަމަށް ފަރުވާތެރިވުންފަދަ މުހިންމު ސިފަތައް ދަސްކޮށްދޭ ކަމަށެވެ. މީގެ އިތުރުން ސްކައުޓް ހަރަކާތް ރާއްޖެއަށް ތަޢާރަފުވި ފަހުން، ވޭތުވެދިޔަ 60 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި އެތައް ދަރިންނެއްގެ ކިބައިގައި އިޖްތިމާޢީ ރަނގަޅު އާދަތައް ހަރުލެއްވުމުގައި ސްކައުޓް ހަރަކާތުގެ ދައުރު ބޮޑުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި ހަރަކާތްތެރި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކާއި ތަރުބިއްޔަތު ދަސްކުރުމަށް މުޖުތަމަޢަށް ނުކުމެ އަމަލީ ގޮތުން ހަރަކާތްތަކުގައި ޝާމިލުވެ އުޅުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ޖަމާލުއްދީނު ސްކޫލުގައި ބޭއްވެވި ހަފުލާގައި ސްކައުޓް އެސޯސިއޭޝަނުގެ ފަރާތުން ވަނީ ރައީސް ސޯލިހަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ހަފުލާގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގެ ސްކައުޓް ލީޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.