ކުރީގެ އުއްތަމަ ފަނޑިޔާރުގެ މަގާމުން ވަކިވެވަޑައިގެންނެވި، މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔަތް ލިބޭ ގޮތަށް ހުށަހެޅި އިސްލާހު ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.
މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔަތް ދިނުމަށް، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހު ދިރާސާ ކުރީ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓިއަކުންނެވެ. އެ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެއްވެސް އިސްލާހަކާ ނުލައި ކޮމެޓީން ބިލު ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.
މަޖިލީހުން އާންމުކޮށްފައިވާ ކޮމެޓީ ރިޕޯޓުން ދައްކާ ގޮތުން އެ ބިލު ދިރާސާ ކުރުމަށް ކޮމެޓީގައި ހޭދަ ކުރީ 10 މިނެޓެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.
ކޮމެޓީން ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ)ގެ ދަށުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ނިންމުމަކަށް ގެނެވުނު މުހައްމަދު ރަޝީދު އިބްރާހިމަކީ ޝަރަފުވެރިކަމާ އެކު ފަނޑިޔާރު ކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ބޭފުޅެއް ކަމަށް ބެލުމަށެވެ. އެހެންކަމުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުން އެބޭފުޅާއަށް ދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
މިއީ ފަހުގެ ތާރީހެއްގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެއް އަވަސް އަރުވާލައިގެން ކޮމެޓީން ފާސްކޮށް ތަޅުމަށް ފޮނުވާލި ފުރަތަމަ ފަހަރެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ބުދަ ދުވަހު މަޖިލީހަށް އިއްވައި، ބަހުސް ކުރިއަށް ގެންގޮސް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވިއެވެ. ކޮމެޓީން އެ ބިލު ފާސްކޮށް، ތަޅުމަށް ފޮނުވީ ވެސް ހަމަ އެ ދުވަހުއެވެ.
އެމްޑީޕީ މެމްބަރުން ތުހުމަތު ކުރާ ގޮތުގައި، ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ މަސައްކަތް މަޖިލީހުން އަވަސް އަރުވާލައިގެން އުޅެނީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެގެންނެވެ. ސަރުކާރުގެ މުހިއްމު ބިލުތަކެއް ކޮމެޓީތަކުގައި ކުރިއަށް ނުގޮސް، ހުއްޓައި އެފަދަ ބިލެއް ފާސްކުރަން އުޅޭތީ ގާސިމަށް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.