ހަތް އަހަރު ފަހުން މިނިސްޓަރަކު ހއ. މޮޅަދޫއަށް ވަޑައިގަންނަވައިފިއެވެ.
މޮޅަދޫއަށް ހޮނިހިރު ދުވަހު ވަޑައިގަންނަވާފައިވަނީ މިނިސްޓަރ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓް އަހްމަދު މަހްލޫފްއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ ރަށު ކައުންސިލާއި އަދި އެ ރަށުގެ ޒުވާނުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މޮޅަދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާދަމް ވިދާޅުވީ މިނިސްޓަރަކު އެ ރަށަށް ވަޑައިގަތުމުން އިހްސާސްވެގެންދަނީ މި ސަރުކާރުގެ ހަމަހަމަކަން ކަމަށާއި އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި މި ސަރުކާރުން ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ލިބިގެން ހިނގައްޖެ ކަމަށެވެ.
އަހްމަދު އާދަމް އިތުރަށް ވިދާޅުވީ ކައުންސިލްއާ މަހްލޫފް ބައްދަލު ކުރައްވާފައިވާއިރު މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ އެ ރަށުގެ އިޖްތިމާއީ ހޯލް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީ ކުރުމަށާއި ރަށުގައި އައުޓްޑޯ ޖިމެއް ޤާއިމުކުރުމުގެ އިތުރުން ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމަށް ކަމަށެވެ.
މޮޅަދޫގައި ޗައިނާ ސަރުކާރުގެ އެހީ ދަށުން ފުޓްސަލް ދަނޑެއް އަޅަން ނިންމާފައިވާއިރު އެ ދަނޑު އެޅުމަށްޓަކައި ބޭނުންވާ ސާމާނު މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ.
މަހްލޫފްގެ މި ދަތުރުފުޅަކީ ހއ ގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު މަހްލޫފް ވަނީ ހއ. ހޯރަފުއްޓަށާއި ހއ. އުލިގަން އަދި ހއ. ތުރާކުނަށް ވެސް ވަޑައިގަންނަވާފައެވެ.