ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ މައްޗަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ފެށުމަށް މާދަމައަށް ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ.
ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އަދީބްގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ ދައުވާ އެވެ. އަދީބުގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް، އަދީބް ގެންދަވަނީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ.
ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ހައިކޯޓުން ވެސް ތާއީދު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ އިސްތިއުނާފްގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު ފަހު 1:15 އަށެވެ.
2016 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު އަދީބްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކުރީ 2015 ވަނަ އަހަރުގެ މޭޑޭގެ ކުރީ ދުވަހު އެ މަނިކފާނު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ޝަރީއަތުގައި ބަޔަކު ހެކި ބަސް ދިނުމުންނެވެ. އަދި އަދީބްގެ އެޕާޓްމެންޓް ބަލާ ފާސްކުރުމުގެ ތެރޭގައި ފިސްތޯލައެއް ފެނިފައިވެއެވެ.
ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އިއްވި 10 އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިތުރުން އަދީބް ގެންދަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާއެކު ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. އަދި އިތުރު ދައުވާތައް ވެސް ކޯޓުގައި މިހާރު ވެސް ކުރިއަށްގެންދެ އެވެ.
އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުގައި ފަށާއިރު، އަދީބް މިވަގުތުގައި ހުންނެވީ ގޭ ބަންދުގަ އެވެ. އޭނާ ގޭ ބަންދަށް ބަދަލު ކޮށްފައިވަނީ ސިއްހީ ހާލަތު ގޯސްވެގެން ޑޮކްޓަރުންގެ ލަފަޔާ އެއްގޮތްވާގޮތުގެ މަތިންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވާއިރު، އެ ކުށް ސާބިތުކުރުމަށް ހެއްކެއްގެ ގޮތުގައި އަދީބްގެ ނަން ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.