ހުޅުމާލޭގައި ކާރެއް ކޮންޓްރޯލްނުވެ ގޮސް ސައިކަލަކާއި ގަހެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ
ފުލުހުން ބުނީ އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 14:50 އެހާއިރު ކަމަށެވެ. މި އެކްސިޑެންޓް ގައި ކާރު ދުއްވަން އިނީ ފިރިހެނެއް ކަމަށާއި ސައިކަލު ދުއްވަން އިނީ އަންހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި މީގެ ތެރެއިން ފިރިހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައި ވާއިރު އަންހެންމީހާ އެ ހޮސްޕިޓަލްގެ އޮބްޒަވޭޝަންގައި އޮތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި ބޭރުފުށުން އަންހެންމީހާއަށް ބޮޑު އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުނެއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ސެންޓަރަލްޕާކު ކުރިމަތިން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފަހަކަށްއައިސް މަގުމަތީގެ އެކސްޑެންޓްތައް ގިނަކަން ފާހަގަ ކުރެވިފައި ވާއިރު ފުލުހުން ބުނެފައިވަނީ މަގުމަތީގެ އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ މައިގަނޑު ސަބަބު ތަކަކީ ވަގުތު މެނޭޖު ނުކުރުމާއި ކޮންމެ މީހަކަށް ވެސް މަގުމައްޗަކީ އެމީހެއްގެ އަމިއްލަ ތަނެއްގެ ގޮތުގައި ދެކުން ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ މަގުމައްޗަކީ އެމަގުން ދުއްވާ މީހާޔާއި، ދުއްވާ އުޅަނދުގެ އިތުރުން ހިނގާބިނގާވާ މީހުންގެ ވެސް ހައްގު އެކުލެވޭ ތަނެއް ކަމަށެވެ.