ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ބައިކް ޓްރެކްގައި އޭޕްރިލް 26 އަދި 27 ވަނަ ދުވަހު މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕްގެ 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން ބޭއްވި "ފަން ރައިޑް" ބައިސްކަލު ރޭހެއް ބައިވެރިންނަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މެޑަލް ހަވާލު ކޮށްދެއްވައިފިއެވެ.
ރައީސް ސޯލިހާއެކު މި ހަރަކާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުބާރާތުގައި 16 ސްކޫލަކުން 515 ދަރިވަރުން ވަނީ ބައިވެރިވެފައިވެއެވެ. އަދި މުބާރާތުގައި މިފަހަރު ވެސް ތަފާތު 25 ރޭހެއް، 3 އުމުރުފުރާގެ މެދުގައި ކުރިއަތް ގެންދިޔައެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރު ފުރާތަކަށެވެ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަތް ގެންގޮސްފައިވަނީ ވަކިވަކިންނެވެ.
ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެއް ކަމަށާއި ދިރާގުގެ އަމާޒަކީ ބައިކް މޯލްޑިވްސް އާއި ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުން އަށަގެންނެވުމަށް ބާރުއެޅުން ކަމަށް ދިރާގުން ބުނެއެވެ.