ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލި ފުރުސަތު 28 އޭޕްރީލް 2019 (މާދަމާ) ހަމަވާނެއެވެ.
އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ 1440 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް 03 އޭޕްރީލް 2019 އިން ފެށިގެން 28 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި، މާލޭގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކަމަށެވެ.
އޭގެ އިތުރުން، މިފަހަރު ފަޤީރުންގެ ދަފްތަރު އެކުލަވާލުމަށް ފަހު ކުރީގެ ދަފްތަރު އުވާލެވޭނެ ކަމަށާއި، ފާއިތުރި ތިން އަހަރުގައި ރަޖިސްޓްރީ ވެފައިވާ މީހުން ވެސް މިފަހަރުގެ ފަގީރުންގެ ދަފްތަރުގައި އަލުން ރަޖިސްޓްރީ ވާންޖެހޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ، މާލެ އާއި އަތޮޅުތަކުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީ ވާން އެދޭ ފޯމު" ފުރުމަށް ފަހު އަތޮޅުތެރޭގައި ނަމަ ކޮންމެ ރަށަކުން ވެސް އެރަށެއްގެ ރަށު ކައުންސިލް / ސިޓީ ކައުންސިލަށް ހުށަހެޅޭނެ ކަމަށެވެ. އަދި މާލޭގައި ނަމަ، ފޯމު ހުށަހަޅާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކަމަށާއި، ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ މި މިނިސްޓްރީގެ ހޯލުގައި ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި 16،294 މީހުން ރަޖިސްޓަރީ ވެފައި ވެއެވެ. 2017 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައި ވަނީ 16،205 މީހެކެވެ.
ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރާ އަދަދު ކޮންމެ އަހަރަކު ވެސް އިތުރުވެއެވެ.