ސްރީލަންކާ ސަރުކާރުން ހައްޔަރު ކޮށްފައިވާ ދިވެހިންގެ ތެރޭގައި ހިމެނޭ، އިންޖިނިއަރިން ކިޔަވަމުންދާ ހަތަރުކުދިންނާއި ހަވާލުވާން އެ މީހުންގެ އާއިލާތަކުން އައުމަށް ސްރީލަންކާ ކޯޓްއިން އަންގާފައިވާ ކަމަށް އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ބުނެފިއެވެ.
ސްރީލަންކާ ސަރުކާރުން ހިންގަމުންދާ ޚާއްސަ އޮޕަރޭޝަންގައިވަނީ ހަ ދިވެހިން ހައްޔަރު ކޮށްފައެވެ. އެއީ ބުރާސްފަތި އަދި ހުކުރު ދުވަހުގެ އޮޕަރޭޝަންގައެވެ. އޭގެ ތެރޭގައި ހިމެނޭ ނިގަމްބޯގައި އިންޖިނިއަރިންއިން ކިޔަވަމުންދާ ހަތަރު ކުދިން ހައްޔަރު ކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.
ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު ރާއްޖެ އެމްވީއަށް ވިދާޅުވީ އެ ހަ މީހުން ހޮނިހިރު ދުވަހު ސްރީލަންކާގެ ކޯޓަށް ހާޒިރު ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ނިގަމްބޯއިން ހައްޔަރު ކޮށްފައިވާ އިންޖިނިއަރިން ކިޔަވަމުން އަންނަ ހަތަރުކުދިންނާއި ހަވާލުވާން އެ މީހުންގެ އާއިލާތަކުން އައުމަށް ސްރީލަންކާގެ ކޯޓުން އަންގާފައިވާ ކަމަށެވެ. އެ ގޮތަށް ކޯޓުން އަންގާފައިވަނީ އެމީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލާފައި ކަމަށް ސްރީލަންކާގެ ކޯޓުން ބުނެފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ އެ ހަތަރު ކުދިންގެ އާއިލާގެ ފަރާތުން މީހެއް އަންނަ ހޯމަ ދުވަހު އަންނާނެ ކަމަށް ބުނެފައިވާ ކަމަށާއި، އާއިލާއިން ހަވާލުވަންދެން އެމީހުން ތިބޭނީ ލަންކާގެ ރިމާންޑް ޖަލުގައި ކަމަށެވެ.
ސަފީރު ވިދާޅުވީ ނެގަމްބޯއިން ހައްޔަރު ކޮށްފައިވާ ހަތަރު މީހުންގެ އަތުން ފެނިފައިވަނީ އެއަރ ރައިފަލްއެއް ކަމަށާއި، އެމީހުންގެ އަތުގައި އެއަރ ރައިފަލް ގެންގުޅުމުގެ ލައިސަންސްއެއް ނެތް ކަމަށެވެ. އެއަރ ރައިފަލް އަކީ ޝިކާރަކުރަން ގެންގުޅޭ ބަޑިއެކެވެ. އެ ހަތަރު މީހުންނަކީ އެއް ގެއެއްގައި އުޅޭ ހަތަރު މީހުން ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
އިންޖިނިއަރިން ކިޔަވަމުންދާ ހަތަރުކުދިންގެ އިތުރުން، ދެން ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ބަންދުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
ސްރީލަންކާގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށްގެންދަނީ ޒީރޯ ޓޮލަރެންސް އޮޕަރޭޝަނެކެވެ. އެމީހުންނަށް ކިރިޔާ ޝައްކެއްވާފަދަ އަމަލެއް ފެންނަ ނަމަ، ކޮންމެ ގައުމަކަށް ނިސްބަތްވާ މީހެއް ކަމުގައިވީ ނަމަވެސް، އެއްވެސް ސުވާލު ކުރުމެއްނެތި ދަނީ ހައްޔަރު ކުރަމުންނެވެ. އަދި ކޯޓް އަމުރަކާއި ނުލައި ގެތަށް ބަލާ ފާސްކުރުމުގެ އަމުރު ، އެ ގައުމުގެ އެންޓި ޓެރަރިޒަމް ގާނޫނުގެ ދަށުން ސްރީލަންކާ ސަރުކާރުން ވަނީ އެ ގައުމުގެ ފުލުހުންނަށް ދީފައެވެ.
މިދިޔަ އާދީއްތަ ދުވަހު ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާއަށް ފަހު އެ ގައުމުގެ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، އެ އޮޕަރޭޝަނަށް ލަންކާގައި ދިރިއުޅޭ ދިވެހިން ވެސް އެއްބާރުލުން ދިނުމަށް އެމްބަސީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ހުރިހާ ދިވެހިން ވެސް ވިސާގެ މުއްދަތު ހަމަވެފައިވޭތޯ ޗެކްކުރުމަށާއި، މުއްދަތު ހަމަވެފައިވާނަމަ ވިސާ އައުކޮށްގެން ތިބުމަށް އެމްބަސީން ވަނީ އިލްތިމާސް ކޮށްފައެވެ.