ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީބަޔާން ހުށަހަޅުއްވާފައިވަނީ 114 ކެންޑިޑޭޓުން ކަމަށް ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ)އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަމްޖަދު މުސްތަފާރާއްޖެ އެމްވީއަށް ވިދާޅުވީ، ހޮނިހިރު ދުވަހު މެންދުރާއި ހަމައަށް މާލީބަޔާން ހުށަހަޅުއްވާފައިވަނީ 114 ކެންޑިޑޭޓުން ކަމަށެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނާއި، ޕާޓީތަކުގެ ކެންޑިޑޭޓުން ވެސް މާލީ ބަޔާން ހުށަހަޅުއްވަމުން އަންނަ ކަމަށް އަމްޖަދު ވިދާޅުވިއެވެ.
މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 އެވެ.
އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް ސުންގަނޑި ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހެޅުއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މާލީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ދޭތެރޭ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭ ގޮތުން ކޮށްފައިވާ މަޢުލޫމާތާ ތަކެތި ހިމެނޭ ގޮތުގެ މަތިން ރިޕޯޓެއް ތައްޔާރުކޮށް އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން 21 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ޖެހޭއިރު އެ މުއްދަތު އިތުރު ނުކުރެވޭނެއެވެ.
އިންތިޚާބާއި ބެހޭ ގާނޫނު ބުނާ ގޮތުން އެ ގާނޫނުގައި ވަކި ގޮތަކަށް ކުރުމަށް ކަނޑައެޅިފައިވާ ކަމެއް އެނޫން ގޮތަކަށް ކޮށްފި މީހަކު ނުވަތަ ކުރަން އުޅެފި މީހަކު ކުށްވެރި ވެއްޖެނަމަ އެމީހެއްގެ އަދަބަކީ 6 މަސް ދުވަހާއި 2 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6،000ރ. އާއި 24،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މިދިޔަ މަޖިލިސް އިންތިޚާބުގައި 386 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.