އިންތިޚާބުތަކާބެހޭ ގާނޫނުތަކުގައި ހުރި ފުށުއެރުންތަކަަށް ކުރިއަށް ރައްޔިތުން މަޖިލީސްގެ ތެރެއިން ހައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ޓީވީގެ 60 މިނިޓްގައި ވާހަކަ ދައްކަވަމުން އަމްޖަދު ވިދާޅުވީ އިންތިޚާބުތަކާ ގުޅޭ ގާނޫނުތަކުގައި ފުށުއެރުންތަކާއި ތަންފީޒުކުރަން އުނދަގޫ ކަންކަން ވެސް އެބަހުރި ކަމަށެވެ. މިކަންކަމަށް ފަރުވާއެއް ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިޚާބީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމާއި ވޯޓުލުމަށް ފަސޭހަވާނެ ގޮތްތައް ވެސް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ އިސްލާހުތައް ގާނޫނުތަކަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
''ފަސޭހަ ކަމާއެކު ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ވީހާ ބޮޑަށް މިނިޒާމަށް އިތުބާރު ބޮޑުކުރެވޭނެ ތަފާތު ގޮތްތައް އެބަހުރި. އެހެންވީމަ އަޅުގަނޑުގެ ވިސްނުން އެބަހުރި ކުރިއަށް އޮތް ތަނުގަ ރައްޔިތުން މަޖިލީހަށް އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހެޅުން،'' އަމްޖަދު ވިދާޅުވިއެވެ.
ކެމްޕެއިންނަށް ފައިސާ ހަރަދުކުރުމާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަށް ވެސް ވިސްނަވާ ކަމަށް އަމްޖަދު ވިދާޅުވި އެވެ.