ޝަރުޢީ ދާއިރާއާ ގުޅޭ ގޮތުން ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން މަރުތައް ބަލާ ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ބުދަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.
ސުޕްރީމް ކޯޓުން އިއްޔެ ސުއޫދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ ކޯޓަށް ބުދަ ދުވަހު މެންދުރު 1:15 އަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ސުއޫދު ދެއްކެވި ވާހަކަތައް، ކޯޓު ޙުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ޤަވާޢިދުގެ ދަށުން ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރަނީ ސުއޫދު ދެއްކެވި ކޮން ވާހަކަ ތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
"22 އެޕްރީލް 2019 ވަނަ ދުވަހުގެ ރޭ، ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން، ކޯޓު ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ ދަށުން އެ މައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައިފިއެވެ." އިއްޔެ އެ ކޯޓުގެ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ޜާއްޖެޓީވީގެ ފަލަ ސުރުޚީގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އިތުބާރު ނެތް ކަމަށާއި އެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު އަމުރަށް ފަހު ހިނގައި ދިޔަ ކަންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށާއި އެހެންކަމުން އެ ހުރިހާ ބޭފުޅުން ވެސް އެ މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރަންޖެހޭ ކަމަށް ވިދާޅުވެ ސުއޫދު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި ދަށު ކޯޓުތަކުން ފެށިގެން ސުޕްރީމް ކޯޓާ ހަމައަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކަންކަން ތަރުތީބުކޮށްފައި ވަނީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތައް ނުބެލޭ ގޮތަށް ކަމަށްވާއިރު އެކަންކަން އިސްލާހު ކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.