ސަރުކާރުގެ ފަރާތުން ހުށަހެޅި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލް ފާސްކުރުމަށް ފަހު، އިތުރަށް ދިރާސާކުރަން އިޖްތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ. މި ބިލްގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ 15 އެޕްރީލް 2019 ގައެވެ.
ބިލްގެ އިބްތިދާއީ ބަހުސް ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ތަރިކައަކީ ކޮންމެ މީހެއްގެ ވެސް އައިޑެންޓިޓީ ގެނައުމުގެ ބޮޑު ބައެއް ކަމަށާއި، ކޮންމެ މީހަކު ވެސް މީހަކަށް ވަނީ ވަށައިގެންވާ މާހައުލާއި، ވަށައިގެންވާ ތަރިކަ އާއި، ބަހުރުވަ އާއި ސަގާފަތާއި ހުރިހާ އެއްޗެއް އެއްވުމުން ކަމަށެވެ. އެކަކު އަނެކަކާއި ގުޅުވައިދެނީ ލޭގެ ގުޅުމުން ނޫން ކަމަށާއި، ސަގާފަތާއި ތަރިކައަކީ ކޮންމެ މީހެއްގެ ވެސް އައިޑެންޓިޓީ ގެނައުމުގެ ބޮޑު ބައެއް ކަން އީވާ ފާހަގަކުރެއްވިއެވެ. ސަގާފީ ތަރިކަ އަންނަން އޮތް ޖީލްތަކަށް ހިމާޔަތް ކުރުމަކީ އަދުގެ ޖީލު ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އީވާ ވިދާޅުވިއެވެ.
"ސަރުކާރުގެ ވެރިކަން ކުރާ ފަރާތުގެ އެއްޗަކަށް ހަދައިގެން އެ ތަރިކަ ލޫޓުވަމުން ދިޔަ މަންޒަރު ފެނިއްޖެ. އެހެންވެ ގާނޫނަކަށް ލައި ހިމާޔަތް ކުރަންޖެހުނީ. ގައުމެއްގެ ގައުމިއްޔަތު ހިފަހައްޓައިދޭ ވަރަށް ބޮޑު ކަމެއް އެ ގައުމެއްގެ ސަގާފަތާއި ތަރިކަ ހިފެހެއްޓުން،" އީވާ ވިދާޅުވިއެވެ.
ގިނަ މެމްބަރުން ވަނީ ބިލަށް ތާއީދްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ބިލަށް ތާއީދްކުރައްވާ ވާހަކަފުޅު ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރާއްޖޭގެ ސަގާފަތް ރައްކާތެރިކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ހިމަނާފައި އޮތް ކަމެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ މުޅި އިގްތިސާދު ބިނާވެގެންވާ ކަމަކީ. އިގްތިސާދު ވެސް ރަނގަޅު ކުރެވެން އޮތީ މި ދެ ކަންތައް ހިމާޔަތްކޮށްގެން،" އިންތި ވިދާޅުވިއެވެ.
ތަރިކަ ހިމާޔަތް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަމުން ވިދާޅުވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ފާއިތުވި ފަސް އަހަރު ރާއްޖޭގެ ސަގާފީ ތަރިކައިގައި ހިމެނޭ ތަންތަން ލޫޓުވާލާ ހަލާކުކޮށްލި މަންޒަރު ފެނިފައިވާ ކަމަށާއި، އެހެންކަމުން ސަގާފީ ތަރިކަ ގާނޫނަކުން ހިމާޔަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"ދައުލަތުގެ ޒިންމާދާރު ފަރާތްތައް އިސްވެ ތިބެގެން ކަންތައް ކުރައްވާފައިވާ ގޮތަށް ބަލާއިރު، ގާނޫނެއްގެ ތެރެއިން މި ކަން ހިމާޔަތް ކުރުމަކީ މުހިއްމު ކަމެއް،" ނިޒާރު ވިދާޅުވިއެވެ.
ސަގާފީ ތަރިކައިގެ ބިލްގައި ތަރިކައަށް ގެއްލުން ދޭ މީހަކަށް ތަރިކައިގެ ސަގާފީ އަގަށް ބަލައި ޖޫރިމަނާ ކުރުން ނޫނީ ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބުނެފައިވެއެވެ. ޖޫރިމަނާ ކުރެވޭނެ އަގެއް ކަމަށް ބިލްގައި ކަނޑައަޅާފައި ވަނީ އެއްލައްކަ އާއި އެއް މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދެކެއެވެ. ފަސް އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.
މީގެ އިތުރުން ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލާއި، މުދާ ގަންނަ ފަރާތްތަކާއި ހިދްމަތް ލިބިގަންނަ ފަރާތްތަކުގެ ބިލްގެ އިތުރުން ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އެބިލްތަކާއި ގުޅުން ހުރި ކޮމިޓީތަކައް ފޮނުވާފައެވެ.
މީގެ އިތުރުން މާލިއްޔަތު ކޮމިޓީން ދިރާސާކޮށްފައިވާ 15 ރިޕޯޓަކާއި، ގައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކޮށްފައިވާ ތިން ރިޕޯޓެއް ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ފާސްކޮށްފައެވެ.