ވަޒީފާ ދިނުމުގައާއި ވަޒީފާއިން ވަކި ކުރުމުގައި ސަރުކާރުގެ އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށް ސިވިލް ސަރވިސް ކަމިޝަން(ސީއެސްސީ) އިން ބުނެފިއެވެ.
ސީއެސްސީއިން އެއްވެސް ފަރާތަކަށް ވަޒީފާ ދިނުމުގައި މަޖުބޫރުކަމެއް ނެތް ކަމަށް ސީއެސްސީ އިން ބުނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އެކަމިޝަން ހާޒިރުކޮށް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އިމްތިޔާޒު ކުރެއްވި ސުވާލަކީ ސީއެސްސީއިން މުއައްޒަފުން ނެގުމުގައި އެއްވެސް ނުފޫޒެއް އެބައޮތްތޯއެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ސީއެސްސީގެ މެމްބަރު ޝަހީދު މުހައްމަދު ވިދާޅުވީ ސަރުކާރުން އެއްވެސް އިރެއްގައި ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އަޅާފައި ނެތް ކަމަށެވެ.
"ސަރުކާރުން އެއްވެސް އިރެއްގައި އަޅުގަނޑުމެންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ވަކި މީހަކަށް ވަޒީފާ ދިނުމުގައި ނުވަތަ ވަކި މީހަކު ވަޒީފާއިން ވަކި ކުރުމުގައި އެކަހަލަ އެއްވެސް ނުފޫޒެއް އައިސްފައި ނުވޭ،" ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ ސިވިލް ސަރވިސްގެ ހުރިހާ އިދާރާއެއްގައި ވެސް ހުންނާނީ އެއް ހަމަތަކާއި އެއް އުސޫލުތަކެއް ކަމަށެވެ. އަދި ވަޒީފާތަކަށް މީހުން ނެގުމާއި ވަކި ކުރުން ވެސް ކަނޑައަޅަނީ އުސޫލުގެ ތެރެއިން ކަމަށެވެ.
ސީއެސްސީގެ މެމްބަރުން ހާޒިރު ކުރީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު މާޗް މަހުގެ 27 ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީއަށް ފޮނުވި ސިޓީއާ ގުޅިގެން ސުވާލު ކުރުމަށެވެ. އެހެން ނަމަވެސް ސީއެސްސީ ހާޒިރު ކުރި ކޮމެޓީއަށް ހާޒިރުވެ ވަޑައިގެންނެވީ އޭގެ ތެރެއިން މެމްބަރު ރިފާއު އެކަންޏެވެ.
ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އިސްކަންދޭން ވާނީ އިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތްތަކަށް ކަން ސިވިލް ސަރވިސް ގާނޫނުގައި ބުނެފައިވާ ކަމަށް އެސިޓީގައި ފާހަގަކޮށްފައި ވެއެވެ. އެހެން ނަމަވެސް ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޝަރުތު ހަމަނުވާ ފަރާތްތައް ހަމަޖެއްސަމުންދާކަމުގެ ޚަބަރުތައް ބައެއް ނޫސްތަކުގައި ޝާއިއު ކުރަމުންދާތީ އެކަންތައްތައް ސިވިސް ސަރވިސް ކޮމިޝަނުގެ މެމްބަރުންނާ ސުވާލު ކޮށްގެން ސާފުކުރުމަށް ބޭނުންވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.
ސީއެސްސީ ހާޒިރު ކޮށް ރިފާއު ކުރެއްވި ސުވާލަކީ ގަވައިދާ ޚިލާފަށް ސިވިލް ސަރވިސްއަށް މުއައްޒަފުން ނެގި ކަމަށް ނޫހެއްގައި ލިޔެފައިވާ ކަމަށް ވިދާޅުވެ ކުރެއްވި ސުވާލެކެވެ. އެއަށް ޖަވާބު ދެއްވަމުން ސީއެސްސީގެ ރައީސް އަލީ ޝަމީމް ވިދާޅުވީ އެކަހަލަ އަމިއްލަ ފަރުދެއްގެ ސުވާލަށް ޖަވާބު ދެވޭނީ އެ ސަރވިސް އިން ބެލުމަށް ފަހު ކަމަށެވެ. އަދި އެކަހަލަ ކަމެއް ކުރިން ކޮމެޓީން އަންގާފައިވާ ނަމަ ޖަވާބު ދޭން ފަސޭހަ ވާނެ ކަމަށާއި އެ މައްސަލަ އެ ކަމިޝަނުން އިތުރަށް ބަލާނެ ކަމަށެވެ.