ހަތް ރަށެއްގެ ސުކޫލްގައި މަލްޓިޕާޕަސް ހޯލް އިމާރަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލާ، ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދުމުގެ މަތިން ހަތް ރަށެއްގެެ ސުކޫލްގައި މަލްޓިޕާޕަސް ހޯލް ދެ ބުރި އިމާރަތްކޮށްދެން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލައިފައިވާ ކަމަށެވެ. އެ ހަތް ސުކޫލަކީ، ރ. ހުޅުދުއްފާރު ސްކޫލް، ތ. ވޭމަންޑޫ ސްކޫލް، ރ. މަޑުއްވަރީ ސްކޫލް، ނ. އަތޮޅު ސްކޫލް، ލ. އިސްދޫ ސްކޫލް، ފުވައްމުލަކު ސިޓީ އެމް.ޖޭ.އެމް ސްކޫލް އަދި ދ. މާއެނބޫދޫ ސްކޫލެވެ.
އިއުލާންގައި ބުނެފައިވަނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުސޫލުގެ މަތިން ކަމަށެވެ. އަދި ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 500ރ. ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށް އިއުލާންގައި ބުނެފައިވެއެވެ.
ބިޑް ސެކިއުރިޓީގެ ގޮތުގައި ފަންސާސް ހާސް ރުފިޔާ ހުށަހަޅަންޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
އިއުލާންގައިވާ ގޮތުން 30 މާރިޗު 2019 އިން ފެށިގެން މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ވަނީ ގިނަ ރަށްރަށުގެ ސުކޫލްތަކަސް ބޭނުންވާ މަލްޓިޕާޕަސް ހޯލްތައް އިމާރަތްކުރުމުގެ މަސައްކަތް މި އަހަރުގައި ފައްޓަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.