ފެނަކަ ކޯޕްރޭޝަން ލިމިޓެޑުގައި މަސައްކަތް ކުރާ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ މުވައްޒަފުން އުފާފާޅު ކޮށްފިއެވެ.
ފެނަކައިން ބުނީ ކުންފުނީގެ މިހާރުގެ މެނޭޖްމެންޓް އިން ކުންފުންޏާ ހަވާލުވެ ކުންފުނީގެ އެއްވެސް މުއައްޒަފަކަށް މަޖުބޫރުން ސިޔާސީ ހަރަކާތެއްގައި ބައިވެރިކޮށްފައި ނުވާތީ މެނޭޖިން ޑިރެކްޓަރު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ދައްކަމުންދާ ނަމޫނާ ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ފަރާތުން ޝުކުރު ދަންނަވާފައިވާ ކަމަށާއި، މުވައްޒަފުންގެ ފަރާތުން ހަވީރު ސައެއްދީފައިވާ ކަމަށެވެ.
ފެނައިގެ އިސްވެރިއެއް ވިދާޅުވީ ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ފެނަކަ ވަރަށް ބޮޑަށް ސިޔާސީކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު ސިޔާސީ އެއްވެސް ހަރަކާތެއް އޮފީހުގައި ނުހިންގޭނެ ކަމަށާއި، އެއީ މަނާ ކަމެއް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ސިޔާސީ މަސައްކަތް ކުރުވުމަށް މުވައްޒަފުން އެއްރަށުން އެނެއް ރަށަށް ފޮނުވާ ކަމަށެވެ. ނަމަވެސް މިހުރިހާ ކަމަކަށް ނިމުން ގެނެސް މިހާރު މިކޯޕްރޭޝަންގެ މަސައްކަތްތައް ބައްޓަންކުރަނީ މުވައްޒަފުންނާއި ރައްޔިތުންގެ ލާބަޔާ މަންފާ ލިބޭ ގޮތަށް ކަމަށެވެ.
ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނީ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންކަން ރަނގަޅުވެގެންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މަސައްކަތް ކުރަނީ މުވައްޒަފުން ހިތްހަމަޖެހޭ އެކުވެރި މާހައުލެއް ގާއިމްކުރުވަން ކަމަށެވެ. އަދި މިހާރު މަގުސަދު ހާސިލްވަމުންދާ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.