ލ.ކަލައިދޫގައި ހުވަނި ގިނަވެ އާންމުން ރައްޔިތުންނަށް ބޮޑު ތުރާލަކަށްވެއްޖެއެވެ.
ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޝަރީފު ވިދާޅުވީ މުޅި ރަށުގައި އޮތީ ހުވަނި ކަމަށާއި، ހުވަނި ނެތް ގަހެއް ނެތް ކަމަށެވެ.
ޝަރީފު ވިދާޅުވީ ސްކޫލުގައި ހުވަނީގެ އުނދަގޫ އިންތިހާއަށް ފޯރާފައިވާ ކަމަށެވެ. އާންމުން ދިރިއުޅޭ ގެތަކުގެ ފާރުގަޔާއި ގަސްތަކުން މަގަށް ވެސް ގިނަ އަދަދެއް ހުވަނި ފާބަފައި ހުންނަކަން ފާހަގަ ކުރައްވައި ޝަރީފު ވިދާޅުވީ ހިނގާބިނގާވެ ވެސް އުޅުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. ޝަރީފު ވިދާޅުވީ ކައުންސިލްއާ ރައްޔިތުން ގުޅިގެން ހުވަނި ކޮންޓްރޯލް ކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުވަނި މެރުމަށް ވަކި ވަގުތުތަކެއްގައި ބޭސް ޖަހަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
''ގްރޭޑް 1 އަކުން 10 އަކަށް ދެދަންފަޅިއަކަށް ސްކޫލުގައި ކިޔަވައިދެމުން ދަނީ. ކުޑަ ކުދިން އުޅޭތަނެއް ވީމަ އެހާ ބާރުގަދަ ބޭސް ނުޖަހަން. އޯމޯ ފެން ޖެހީމަ ވެސް މަރުވޭ. އެމަސައްކަތް ކުރަން މިހާރު.'' ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ހުވަނި އެރަށުން ފެނުނީ މީގެ މަސްދުވަސް ކުރިން ކަމަށާއި ހުވަނި ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް އުންމީދު ކުރާ ކަމަށެވެ.