ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވުމުން، މެމްބަރުންނަށް ދޭ މުސާރައިން ވަކި ނިސްބަތެއް ދިނުމަށާއި އިނާޔަތްތައް މެދުނުކެނޑި ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
އިމްތިޔާޒުތަކާ ބެހޭ ގާނޫނަށް އެ އިސްލާހުތައް ގެނައުމަށް ތިން ބިލެއް މަޖިލީހަށް ވަނީ ވައްދާފައެވެ. އެ ތިން ބިލުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އެ ތިން ބިލު ވަކިވަކިން ހުށަހެޅުއްވީ މަޖިލިސް އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއެވެ.
އެގޮތުން އިމްތިޔާޒުގެ ގާނޫނަށް ލަތީފު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މެމްބަރުކަމުން ވަކިވުމުން މުސާރައިގެ ވަކި ޕަސެންޓެއް ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން އެ އިނާޔަތް ލިބޭނީ މެމްބަރުކަމުން ވަކިވުމަށް ފަހު، އުމުރުން 55 އަހަރުވުމުން ކަމަށެވެ.
ލަތީފު ހުށަހެޅުއްވި އިސްލާހު ފާސްވެއްޖެނަމަ، މަޖިލީހުގައި އެއް ދައުރުގެ މެމްބަރުކަން އަދާކުރައްވާފައިވާ މީހަކަށް މެމްބަރުންނަށް ލިބޭ މުސާރައިގެ 30 ޕަސެންޓް ލިބޭނެއެވެ. އަދި ދެ ދައުރު އަދާކުރައްވާފައިވާ މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ނުކުރެވި މެމްބަރުކަމުން ވަކިވި މެމްބަރުންނަށް މެމްބަރެއްގެ މުސާރައިގެ 45 ޕަސެންޓް ލިބޭނެއެވެ.
މެމްބަރުކަމުން ވަކިވުމުން، ހޯދަން ހުށަހަޅާ އިނާޔަތް
- އަނބިމީހާއަށާއި ފިރިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް
- އެއް ދައުރު އަދާކުރުމުން މެމްބަރެއްގެ މުސާރައިގެ 30 ޕަސެންޓް
- ދެ ދައުރު އަދާކުރުމުން މެމްބަރެއްގެ މުސާރައިގެ 45 ޕަސެންޓް
- ހެލްތު އިންޝުއަރެންސް އަނބިދަރިންނަށް
- އެއާޕޯޓް ވިއައިޕީ ސާވިސް ހިދުމަތް
ލަތީފު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށާއި އޭނާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓީކް ޕާސްޕޯޓް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. ނަމަވެސް ގާނޫނުގައި މިހާރު ބުނެފައި ވަނީ މެމްބަރުކަން ކުރައްވާފައިވާ މީހުންނަށް ލިބޭނީ އޮފިޝަލް ޕާސްޕޯޓް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މަގާމު އަދާ ކުރައްވާފައިވާ މީހުންނަށް ވެސް ހެލްތު އިންޝުއަރެންސާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ކޮންމެ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ދައުލަތުން ހަމަޖައްސަންވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ފަރާތްތަކަށް މަގާމުގެ މުއްދަތުގެ ތެރޭގައި ލިބޭ އިނާޔަތް، މެމްބަރުކަމުން ވަކިވިޔަސް މެދުނުކެނޑި ލިބޭނެ ގޮތަށް އިސްލާހު ހުށަހަޅާފައި ވަނީ މިހާރު ތިއްބެވި މެމްބަރުންގެ މަގާމުގެ މުއްދަތު ހަމަވާން 30 ދުވަހަށްވެފައި ވަނިކޮށެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ނުކުރެވި ނާކާމިޔާބުވި މެމްބަރުންގެ އަދަދު 60 އަށް ވުރެ ގިނައެވެ.