ޤައުމެއްގެ ކުރިއަރައި، ގައުމެއް ތަރައްގީވެގެން ދަނީ އެ ގައުމެއްގައި ކިޔަވައިގެންތިބި ބަޔަކު އުފެދިގެން ކަމަށާއި، ފަންނުވެރި، ހުނަރުވެރި، ގާބިލު މުޖުތަމަޢަކީ ކުރިއަރައިގެން ދިއުމަށްޓަކައި ޤައުމަކަށް ބޭނުންވާނެ އެންމެ ވަރުގަދަ އެސެޓް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށް ދިޔަ މި ހަފްލާގައި ފައިސަލް ވިދާޅުވީ މިސަރުކާރުން ކުރިއަށް މިއޮތް ދުވަސްތަކުގައި ރާއްޖޭގެ އިންޑަސްޓްރީތަކަށް އެންމެ ބޭނުންވާ ދާއިރާތައް ބަލައި ދެނެގަތުމަށް ފަހު އެދާއިރާތަކަށް ޒުވާނުން ބިނާކުރުމަށްޓަކައި މަސައްކަތްކުރާނެ ކަމަށެވެ.
މީގެ އިތުރުން ފައިސަލް ވަނީ ވަޒީފާގެ ފުރުސަތު ނުލިބޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށް ދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އިންޑަސްޓްރީގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ވަޒީފާ ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތި އެކަށީގެންވާ އުޖޫރައާއި ކުރިއެރުން ދިނުމަށް ވެސް އިންޑަސްޓްރީއާއި މުވައްސަސާތަކުގެ އިސްވެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ޤައުމުގެ ކުރިއެރުމަކީ، ނުވަތަ ތަރައްގީއަކީ ރައްޔިތުންގެ އަތްމަތީގައި އޮންނަ ކަމެއް ކަމުގައި ފާހަގަ ކުރައްވައި ރައްޔިތުންނާ ނުލައި ހޯދޭނެ އެއްވެސް ކާމިޔާބީއެއް ނޯނާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ދަސްވެނިވި ރަސްމިއްޔާތުގައި މަތީ ވަނަތައް ހާސިލްކޮށްފައިވާ ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.