މަޖިލިސް ރައީސްކަން ޖުމްހޫރީ ޕާޓީއަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށާއި، އެއްބަސްވުމާއި ޚިލާފުވީ އެމްޑީޕީން ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަދި ތިމަރަފުށީ ދާއިރާގެ އިންތިޚާބީ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ފްރޮގްރާމަގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ގޮނޑިތައް ދޭނެގޮތާއި މެދު އެއްބަސްވެ ސޮއިކޮށްފައިވާ އެގްރީމެންޓެއް އެބައޮތް ކަމަށެވެ.
އެހެން ނަމަވެސް އެންމެ ފުރަތަމަ ވެސް ހުރިހާ ޕާޓީތައް މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ނުކުތީ އެއްބަސްވުމާއި ޚިލާފަށް ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެއްބަސްވުމާއި އެއްގޮތަށް ނޫން ގޮތަކަށް ކަމެއް ކޮށްގެން ނިކުންނަ ނަތީޖާއަކުން، އެއްބަސް ވުމާއި އެއްގޮތަށް އަމަލުކުރަން ޖެހޭނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އެބައެއްގެ އިޚްލާސްތެރިކަން ދައްކައިގެން ކަމަށް ރިޔާޒް ވިދާޅުވިއެވެ.
"އެއްބަސްވުމުގައި ލިޔެފައި އެބަ އިނދޭ. އެކަމު އެއްބަސްވުމާއި އެއްގޮތަކަށް ނޫނޭ އިންތިޚާބަށް ނުކުތީވެސް. އެއަކަށް އޮނަރ އެއް ނުކުރެވުނު" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ އެއްބަސްވުމަށް އިޚްތިރާމް ނުކުރީ އެމްޑީޕީން ކަމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން އެގޮތަށް ނިންމުމުން ދޭހަވީ ދެންތިބި ޕާޓީތައް ވެސް އެޕާޓީއަކުން ބޭނުން ގޮތަކަށް ނުކުންނާށޭ ބުނުން ފަދަގޮތަކަކަށް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްކަން ޖޭޕީއަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށާއި އެކަން ނިންމީ "18، 19" ކޮމިޓީގައި އެގޮތަށް މަޝްވަރާ ކުރެވިގެން ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އެއްބަސްވުމެއް އޮތްނަމަ އެއާއި އެއްގޮތަށް އެ ހައްގު ހޯދުމަށް ޖޭޕީން ރައީސް ސާލިހަށް ދަންނަވާނަން ތޯ ދެންނެވުމުން ރިޔާޒް ވިދާޅުވީ ބޮޑު މެޖޯރިޓީ އަކާއިއެކު އައިސް އޮތް އެމްޑީޕީން މިހާރު އޮތީ މަޖިލިސް ރައީސް ކަމާއި، ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށްވީއިރު، އެކަމަށް ބަހުސަކަށް ގޮސްގެން ކުރިއެރުމެން ދެން ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.