ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގެ މައި އޭސީ ހަލާކުވެފައި ހުންނަތާ ދޮޅުމަސް ދުވަސް ވެފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ގިނަ ބަޔަކު ޚިދުމަތް ހޯދާ އަދި އެތަށް ބަޔަކު އެޑްމިޓްކޮށް އަވަސް ފަރުވާ ދެމުން އަންނަ ރޫމްގެ އޭސީ ހަލާކުވުމުގެ ސަބަބުން އެތަނުގެ އެތެރޭގެ ހޫނު އިންތިހާއަށް ގަދަވެ ބައެއް އާންމުން ވަނީ އެކަމުގެ ޝަކުވާ ހޮސްޕިޓަލަށްވެސް ހުށައަޅާފައެވެ.
އާއްމުންގެ ޝަކުވާ ބޮޑުވަމުން ދަނިކޮށް މި މައްސައާއި ގުޅޭ ގޮތުން އައިޖީއެމް ހޮސްޕިޓަލުން ބުދަ ދުވަހު އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެ އެއާކޯންއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްމަސައްކަތް ކުރެވެމުންދާކަމަށެވެ. އަދި އެ ރޫމްގައި ހުންނަ މައި އޭސީ ސިސްޓަމްގެ ކޫލިން ޓަވަރަކީ މާލެއިން ލިބެން ނެތް އެއްޗަކަށް ވާތީ، ބޭރުން އޭގެ ކޫލިން ޓަވަރު ގެނައުމަށް މިހާރު އޯޑަރު ކުރެވިފައިވާކަމަށެވެ.
އައިޖީއެމް ހޮސްޕިޓަލް ގެ މީޑިއާ އޮފިޝަލް މުހައްމަދު މުފީދު ރާއްޖެއެމްވީއަށް ވިދާޅުވީ، އެ ކޫލިން ސިސްޓަމް އަކީ ސީދާ އެ އުފެއްދި ކުންފުނިން ނޫނީ ލިބެން ނެތް އެއްޗަކަށްވާތީ އެ ކުންފުންޏަށް އޯޑަރު ޖަހާފައިވާކަމަށެވެ. އަދި އޭތި ލިބޭވަރުވާނީ މި އެޕްރީލް މަހުގެ ފަހު ހަފްތާގައިކަމަށް ވެސް ވިދާޅުވިއެެވެ.
"އޭތި އަދި ގެނެސް ގެން މަސައްކަތް ނިންމާލެވޭވަރު ވާނީ މެއި މަހުގެ ފުރަތަމަ ދެހަފްތާގެ ތެރޭގައި" މުފީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ތަނުގެ ހޫނު މަޑުކުރުމަށް ވަގުތީ ގޮތުން ދެ އޭސީ ހަރުކުރެވި، ފަންކާތައް ބެހެއްޓިފައިވާނެކަމަށެވެ. އެހެންނަމަވެސް މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއްކަމުން އެތަކެތިން އެވަރަށް ނުހިފަހައްޓާ ކަމަށް މުފީދު ވިދާޅުވިއެވެ.
އިމަޖެންސީ ރޫމްގެ މައި އޭސީ ހަލާކުވެފައި ހުުންނަތާ ދޮޅުމަސްވެފައިވާކަމަށް މުފީދުވެސް ވިދާޅުވިއެވެ. އޭސީ ހަލާކުވެ އެހާ ގިނަ ދުވަސްވީ ކީއްވެތޯއާއި، އޭސީގެ ހަލާކުވި ބައިތައް ބޭރުން ގެނައުމަށް އޯޑަރު ޖެހި ދުވަހާއި ބެހޭގޮތުން ސުވާލުކުރުން މުފީދު ވިދާޅުވީ، އެ މައުލޫމާތު ދަންނަވަން އެނގިލައްވާނީ ޑޮކިއުމެންޓްތައް ބައްލަވާލައްވާފައިކަމަށެވެ.
އިމަޖެންސީ ރޫމްގެ އޭސީ ހަލާކުވެފައިވާއިރު، ބުދަ ދުވަހު އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ހޮސްޕިޓަލްގެ ޖެނެރަލް ވާރޑް ތަކުގައި އޭސީ ހަރުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއްގެ މަސައްކަތް ފައްޓައި މިހާރު އެމަސައްކަތް ނިމުމާއި ގާތްވެފައިވާކަމަށެެވެ.