ހޯޕް އެންޑް ސަޕޯޓް ސޮސައިޓީގެ ނަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް އުފައްދައިފިއެވެ.
މިޖަމިއްޔާ އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ ބަލިތަކަށް މީހުން ހޭލުންތެރި ކުރުވައި، އެފަދަ ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ހިލޭ ސާބަހަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މި ޖަމިއްޔާގެ ފައުންޑަރ އައިޝަތު ޝާނިޔާ ވިދާޅުވިއެވެ.
ރާއްޖެއެމްވީއާއި ވާހަކަ ދައްކަމުން ޝާނިޔާ ވިދާޅުވީ ޖަމިއްޔާ އުފެއްދިތާ މިވީ ދުވަސްކޮޅުގެ ތެރޭގައި ވެސް ނަފްސާނީ ބަލިތަކަށް މީހުން ހޭލެންތެރި ކުރުމަށް މަސައްކަތް ފައްޓާފައިވާނެ ކަމަށާއި އެގޮތުން ތަފާތު މަސައްކަތު ބައްދަލުވުންތަކާއި، ކަސްރަތު ކްލާސްތަކާއި، ގުރޫޕު ސެޝަންތައް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
މި ޚިދުމަތްތައް އެޖަމިއްޔާއިން ހުރިހާ ފަރާތްތަކަށް ވެސް ހިލޭ ސާބަހަށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށާއި އަދި ކޮންމެ ފަރާތަކަށް ވެސް ޖަމިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތު އަބަދުވެސް ހުޅުވާލާފައިވާނެ ކަމަށެވެ.
އެގޮތުން ހޯޕް އެންޑް ސަޕޯޓް ސޮސައިޓީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މެމްބަރަކަށް ވުމަށް އެދި ހުށައެޅޭނެ ކަމަށާއި ގިނަ ބައެއްގެ ތަރުހީބު ވެސް މިހާތަނަށް ލިބިފައިވާ ކަމަށް ޝާނިޔާ ވިދާޅުވިއެވެ.
ޝާނިޔާ ވިދާޅުވީ ނަފްސާނީ ބައްޔަކީ ހަމަ އެކަނި ސިއްޙީ ގޮތުން ދިމާވާ ކަމެއް ނޫން ކަމަށާއި ކޮންމެ އުމުރެއްގައި ވެސް މިފަދަ މައްސަލަތައް ތަހައްމަލު ކުރަން ޖެހިދާނެ ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ނަފްސާނީ ބަލިތަކަށް ހޭލުންތެރިވާން ޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިޖަމިއްޔާއިން ކުރިއަށްގެންދާ އެކި އެކި ޕްރޮގްރާމްތަކާއި ގުޅޭ މައުލޫމާތު ޖަމިއްޔާގެ ވައިބަރ ކޮމިއުނިޓީ ގުރޫޕު، ފޭސްބުކް ޕޭޖް އަދި ޓުވިޓާ އެކައުންޓް މެދުވެރިކޮށް ފޯރު ކޮށްދެމުންގެންދާނެ ކަމަށެވެ.
ހޯޕް އެންޑް ސަޕޯޓް ސޮސައިޓީގެ އޮފީސް ހުންނަނީ ހ. ކަވާލްގެ 6 ވަނަ ފަންގިފިލާގައެވެ.