ޖަލުތަކުގެ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގަ އަށް ވުރެ އިތުރަށް މީހުން ބޭތިއްބުން ކަމަށް ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށް ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ ކޮމިޝަނުން ބުނެފިއެވެ.
ޖަލުތަކުގެ ހާލަތު ބެލުމަށް ފަހު ހާލަތާ ގުޅޭ ގޮތުން އެ ކަމިޝަނުން އެކުލަވާލާފައިވާ 390 ސޮފްހާގެ ފޮތް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާ ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްތުގައި އެ ކަމިޝަންގެ މެމްބަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލުގައި ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން ބޭތިއްބުމުގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަސާސީ ހައްގުތަކުން މަހުރޫމުވާ ކަމަށް ވިދާޅުވިއެވެ. އަހުމަދު މުހައްމަދުފުޅުގެ ވާހައިގައި ޖަލުގެ ކެޕޭސިޓީއަކީ ކޮބައި ކަމެއް ހާމައެއް ނުކުރައްވައެވެ. އަދި އެކަމުގެ ސަބަބުން ދިމާވެފައި ވަނީ ސިއްހީ ކޮން މައްސަލަތަކެއް ކަމެއް ވެސް ފާހަގަ ނުކުރައްވައެވެ.
އޭނާ ވިދާޅުވީ ޖަލުތަކުގައި ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމާއި ޖަލުތަކަށް ދެވޭ ޚިދުމަތުގައި ކަރަޕްޝަން ހިމެނޭކަމާއި ޕެރޯލް އަދި ކްލެމެންސީ ދިނުމުގައި ތަފާތުކުރުންތައް ގެންގުޅެފައިވާކަން ފާހަގަ ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެނިޒާމުގައި މައްސަލަތައް ހުރިކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވާނެ ކަމަށާއި އެކަންތައްތައް ރަނގަޅުކުރުމަށް އެރިޕޯޓުގައި ހިމަނާފައިވާނެކަ މަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ކޮށްފައިވާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެ ކަމިޝަނުން ނިންމާފައިވާ ކަމަށެވެ. ޖަލުތަކުގައި އަނިޔާގެ މައްސަލަތަކާއި އެހެނިހެން މައްސަލަތައް އެބަހުރި ކަމަށާއި އެކަމަށް ޒިންމާނަގަންޖެހޭ ފަރާތްތަކުން ޒިންމާ ނަގާފައިނުވާ ކަމަށް އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.
"ކަމިޝަނަށް ފާހަގަވި މުހިއްމު ބައެއް މައްސަލަތަކަށް ބަލާއިރުގައި ޖަލުތައް މި ވަގުތު ހިނގަމުންދާ ގޮތަށް ބަލާއިރު ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމާއި އެއާ އެކީގައި ޖަލުތަކުން ދެވޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ކަރަޕްޝަނަށް މަގުފަހިވާ ބައެއް ކަހަލަ ކަންކަން ހުރިކަން އަޅުގަނޑުމެން ފާހަގަ ކުރަން. އަދި ރިޕޯޓުގައި މިކަންކަން އިތުރަށް ތަހުގީގު ކޮށް މިކަންކަމާއި މެދުގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކަމިޝަނުގެ ފަރާތުން ވާނީ ހުށައެޅުން ހުށައަޅާފައި،" އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.
ބަންދުކޮށްފައިވާ ބިދޭސީންނާ މެދު ތަފާތުކުރުން ގެންގުޅޭކަން ވެސް ފާހަގަ ވެފައިވާކަން ކަމިޝަނުން ފާހަގަކުރިއެވެ. އަދި އެކަންތައް ނައްތާލުމަށް ކަމިޝަނުގެ ފަރާތުން ހުށައެޅުންތަކެއް ހުށައަޅާފައިވާ ކަމަށް އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އެ ރިޕޯޓުގައި ހިމެނިފައިވާ ކަންތައްތައް އެހީއަކަށް ވެގެންދާނެ ކަމަށެވެ. އަދި އެ ރިޕޯޓްގައި ހިމެނިފައިވާ މައްސަލަތައް ރަނގަޅު ކުރުމަށް ހޯމަދުވަހުން ފެށިގެން އެމިނިސްޓްރީ އާއި ކަމާ ގުޅޭ ފަރާތްތަކުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އިމްރާން ވިދާޅުވީ ޖަލުތަކުގެ ހާލަތު ބެލުމަށް އުފެއްދި ކަމިޝަނުން އެކުލަވާލި ފޮތް އާންމުންނަށް ހިއްސާކުރައްވާނެ ކަމަށެވެ.
"މިއަދު މި ރިޕޯޓް އަޅުގަނޑުމެންނަށް ލިބުމަށް ފަހު މާތްﷲ އިރާދަކުރެއްވިއްޔާ މި ފޮތް ހަރުގަނޑަށް އިތުރުކޮށްލެވޭ ފޮތެއްގެ ގޮތުގައި އަޅުގަނޑުމެން ދޫ ނުކޮށްލާނަން. މި ރިޕޯޓްގައި ހުރި ކަންތައްތަކަށް ބެލުމަށް ފަހު ޖަލުތައް ރަނގަޅުކުރުމުގެ މައިގަނޑު އަސާސަކީ މި ރިޕޯޓްކަމުގައި ހަދާނަން،" އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގެ ޖަލުތަކުގެ އޮޑިޓެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ. އެ ކޮމެޓީގައި ހިމެނެނީ ޑރ. އަބުދުﷲ އިސްނީން ހިލްމީއާއި، އައްޝައިޙް އަހުމަދު އަބުދުލްކަރީމާއި، ޝަހިންދާ އިސްމާއިލާއި، އަހުމަދު މުހައްމަދު ފުޅާއި، ޒުލައިހާ ދާއޫދުގެ އިތުރުން، ޝާދިޔާ އާދަމާއި، އައިމިނަތު ނާހީން އަހުމަދެވެ.
ރާއްޖޭގައި ގާއިމްކޮށްފައިވާ ޖަލުތަކަކީ ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުންދާ ހަތަރު ޖަލަކާއި މާލެ އާއި ރާއްޖޭގެ އެކި ރަަށްރަށުގައި ފުލުހުން ބަލަހައްޓަމުންދާ ކަސްޓޯޑިއަލް ޖަލުތަކެވެ. ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓާ ހަތަރު ޖަލަކީ މާފުށީ ޖަލާއި، ހިންމަފުށީ އައްސޭރި ޖަލާއި، ހުޅުމާލެ ޖަލުގެ އިތުރުން މާލެ ޖަލެވެ.