ރިހިބިލިޓޭޝަން ފްރޭމްވޯކްގެ ދަށުން ގައިދީންނަށް ތަފާތު މަސައްކަތް ދަސްކޮށްދީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތައް އިތުރުކޮށް ހަރުދަނާކުރަމުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މޯލްޑިވް ގޭސް އާއި ޕްރިޒަން ކޯޕަރޭޓިވްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށް މޯލްޑިވް ގޭސްގެ ބައެއް ގޭސްފުޅިތައް މަރާމާތުކުރުމުގެ މަސައްކަތް ގައިދީންތަކެއް ލައްވާ ކުރުވާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ. މި ފަދަ މަސައްކަތްތައް އެމީހުން ލައްވާ ކުރުވުމުގެ މަގްސަދަކީ އެމީހުން އަނބުރާ މުޖުތަމައަށް ނުކުންނައިރު އެ މީހުންނަކީ ވަޒީފާގެ މާހައުލަށް އަހުލުވެރިވެފައިވާ ބަޔަކަށް ހަދައި އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ތަނަވަސް ކޮށްދިނުން ކަމަށާއި އެމަސައްކަތް ކުރާނީ އެ މީހުންނަށް އުޖޫރައެއް ދީގެން ކަމަށް ކަރެކްޝަނުން ބުނެއެވެ.
އެމްސީއެސް އިން ބުނި ގޮތުގައި މިއީ ގައިދީންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދީ މަސައްކަތުގެ އަމަލީ މައިދާނަށް އެ މީހުން ނެރެ ފައްކާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ.
އާދީއްތަ ދުވަހުގެ ރަސްމިއްޔާތުގައި ސީއެސްއާރުގެ ދަށުން މޯލްޑިވް ގޭސްގެ ފަރާތުން އެމްސީއެސްއަށް ވަނީ 10 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށްފައެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ އެ ކޮމްޕިއުޓަރ ސިސްޓަމްތަކަކީ ގައިދީން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކުރިން ހުރި ހާލަތަށް ވުރެ ރަނގަޅު، ގައުމަށް ބޭނުން ހިފޭ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގައި ބޭނުންކުރެވޭނެ މުހިންމު ވަސީލަތްތަކެއް ކަމަށެވެ.