މާލޭ ސްކޫލްތަކުގައި ދިވެހި ބަހުގެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކޮށްފިއެވެ.
މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިއާރަކީ "އަހާނީ ބުނާނީ ދިވެހި ބަހުން" އެވެ.
އަހުމަދިއްޔާ ސްކޫލުން ބުނީ ދިވެހި ބަހުގެ ދުވަހުގެ ހަރަކާތްތައް އެ ސްކޫލުގައި ހިންގަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ހެނދުނު ޕްރީ ސްކޫލު ދަރިވަރުން ދިވެހި ހެދުން ލައިގެން ދުވަހުގެ މުހިއްމުކަން އަންގައިދިނުމަށް ހިނގާލުމެއް ވަނީ ބާއްވާފައެވެ.
"މިއީ ދިވެހިބަހަށް ދަރިވަރުިންގެ ހިތްތަކުގައި އޮތް ލޯބި ދެއްކުމުގެ ގޮތުން އަޅުގަނޑުމެން ބާއްވާ ހިނގާލުމެއް. މި ހިނގާލުމުގައި ދަރިވަރުންގެ ފަރާތުން ދަރިވަރުންގެ ޝުއޫރުތައް ދައްކާލުން ހިމެނޭ." އެސްކޫލުގެ ޓީޗަރަކު ވިދާޅުވިއެވެ.
އިސްކަންދަރު ސްކޫލުގައި ދިވެހި ބަހުގެ ދުވަސް ފާހަގަކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެ ސްކޫލުގެ ދިވެހިބަހުގެ އެކަޑަމީގެ ރައީސް ސުޖާއު މޫސާ ރާއްޖެއެމްވީއަށް ވިދާޅުވީ އެ ސްކޫލުގައި ދިވެހިބަހުގެ ދުވަސް ފާހަގަ ކުރީ ބުރާސްފަތި ދުވަހު ކަމަށާއި އެ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ އެސެމްބްލީއެއް ބާއްވާފައިވާ ކަމަށެވެ. އަދި ދުވަސް ފާހަގަކުރުމަށް ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ދިވެހިބަހުގެ އެކަޑަމީއިން އަލަށް އުފައްދާފައިވާ ބަސްތައް ދަސްކޮށްދީ އެ ބަސްތަކުގެ މުބާރާތްތަކެއް ބޭއްވި ކަމަށެވެ.
" އޭގެ އިތުރުން ބެލެނެވެރިންގެ ޖަމިއްޔާ އާއި އަޅުގަނޑުމެންނާއި ސްކޫލުގެ ހުރިހާ ބޭފުޅުން ހިމެނޭ ގޮތަށް ސްކޫލްތެރޭގައި ދިވެހި ބަސް ދަސްކޮށްދިނުމަށްޓަކައި ދިވެހި ލަފުޒުތައް ދަސްކޮށްދިނުމަށްޓަކައި ޚާއްސަ ހަރަކާތެއް ހިންގިފައިވާނެ،" އޭނާ ވިދާޅުވިއެވެ.
އިސްކަންދަރު ސްކޫލާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، ތާޖުއްދީން އަދި ދަރުމަވަންތަ ސްކޫލުގެ އިތުރުން މާލޭގެ އެހެނިހެން ސްކޫލްތަކުގައި ވެސް ދިވެހި ބަހުގެ ދުވަސް ވަނީ ކުލަގަދަކޮށް ފާހަގަ ކޮށްފައެވެ.