ނަވާރަ ވަނަ ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބުމާ ގުޅިގެން ޒުވާނަކު 24 ގަޑިއިރު ފަތައިފިއެވެ.
މާލޭގެ ފަތާ ޓްރެކްގައި މއ. ލޭކް ވުޑް، ފިރާސް އަފީފް، ފެތަން ފެށީ ހުކުރު ދުވަހު މެންދުރުފަހު 2:21 ގައެވެ. ފެތުން ނިންމާލީ ހޮނިހިރު ދުވަހުގެ 2:21 ގައެވެ. ހަރަކާތް ނިންމުގެ ހަފްލާގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގެން ފެތުމުގެ ހަރަކާތުގައި ވަނީ ބައިވެރިވެޑައިގެންފައެވެ.
ފަތާ ނިންމުމަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަމުން ފިރާސް ބުނީ މަޖިލިސް އިންތިޚާބުގެ ވޯޓުލާ މީހުންގެ އަދަދު މަދުވުމާ ގުޅިގެން ވަރަށް ކަންބޮޑުވި ކަމަށާއި، ފަތަން ބެޓް ކުރީ ގިނަ ރައްޓެހިން ލައްވާ ވޯޓުލެއްވުމުގެ މަގުސަދުގައި ކަމަށެވެ.
ވޯޓުލީ ދުވަހު 4 ޖެހިއިރު ވެސް ވޯޓުލާ މީހުން ވަރަށް މަދު. އެމްޑީޕީއަށް ސަޕޯޓުކުރާ ވަރަށް ގިނަ ރައްޓެހިން ވޯޓު ނުލާ ތިބީމަ ބޭނުންވީ އެމީހުން ލައްވާ ވޯޓުލާން. އެހެންވެ އެމީހުން ނެރެވޭނެ ގޮތަކަށް ވިސްނާފަ ބެޓެއްކުރީ. އެމްޑީޕީއަށް 50 ގޮނޑިއަށްވުރެ ގިނަ ވެއްޖެއްޔާ 24 ގަޑިއިރު ފަތާނަމޭ. 45 ގޮނޑިއަށްވުރެ ގިނަވެއްޖެއްޔާ 12 ގަނޑިއިރު ފަތާނަމޭ އަވަހަށް ވޯޓުލާން ދާށޭ ކިޔާފަ ޕޯސްޓެއް ކުރީ. ދެން އެރޭ ވޯޓު ގުނަން ފަށާފަ ނުވާނެ ގަޑިއިރެއް ވެސް 50 އަށްވުރެ މައްޗަށް އަރައިފި. ދެން ރައްޓެހިން ގުޅާ ވަރަށް ފޯރިހުރި. ބެޓް ފުރިހަމަ ކުރުމުގެ ގޮތުން ފެތީ.'' ފިރާސް ކިޔައިދިނެއެވެ.
ފިރާސް 24 ގަޑިއިރު ފަތާފަ ވަނީ ނަމާދު ވަގުތަށް ބްރޭކް ނެގުމުގެ އިތުރުން އެއްގަނޑިއިރުން އެއްގަނޑީރަށް ބްރޭކް 10 ވަރަކަށް މިނެޓްއަށް ބުރޭޑްއަށްފަހުއެވެ.
''އޯއާރްއެސް ކަހަލަ އެއްޗެއް ބޯންޖެހޭ ކޮންމެ ދެގަނޑިއިރު ދެތެރޭގައި. ދެން ދޮންކެޔޮވަކެއް ނޫނީ ކަދުރެއް އެއްޗެހި ކާންޖެހޭ. ވަރަށް ބޮޑަށް ސިއްހަތަށް ބަލާފަ މިކަން ކުރީ. ބައިގަނޑިއިރަށް ނިދިން. މިކަން ކުރަން އައިރު އެއްވެސް މީހެއްގެ ގާތު ނުބުނަން. އެކަމަކު ވަރަށް ބޮޑު އެއްބާރުލުމެއް ލިބިއްޖެ. އަޅުގަނޑާއެކު ފެތުމުގެ ވެސް ބައިވެރިވި ބައެއް ރައްޓެހިން. ފިރާސް ބުންޏެވެ.
ފިރާސް ބުނީ މިހަރަކާތް ކާމިޔާބު ކުރެވުމުން ވަރަށް އުފާވާ ކަމަށާއި، އިހުސާސް ކިޔައިދޭން ވެސް ނޭނގޭ ކަމަށެވެ.
ފިރާސްއަކީ ފެތުރެންތެރިއެކެވެ. އަދި ފަތަން ދަސްކޮށްދޭ ކޯޗެއް ވެސް މެއެވެ.
އެޕްރީލް 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 65 ގޮނޑި ކާމިޔާބުކޮށް، އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބުނު ފަހަރެއެވެ.