ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށްޓަކައި ހިންގާ ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި ހިންގާ ގްލޯބަސް ޕްރޮޖެކްޓް ޕްރޮގްރާމް ފަށައިފިއެވެ.
ގްލޯބަސް ޕްރޮޖެކްޓް ޕްރޮގްރާމަކީ ޒުވާނުން ވިޔަފާރިއަށް ނެރެ, އެކި ދާއިރާތަކުން ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހިންގާ ޕްރޮގްރާމެކެވެ. މިއީ ޔޫރަޕިއަން ޔޫނިއަން އިރަސްމަސް ޕްލަސް ޕްރޮގްރާމްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.
ރާއްޖޭގެ ފަރާތުން އެ ޕްރޮގްރާމުގައި ބައިވެރިވީ އައްޑޫ ވިމެންސް އެސޯސިއޭޝަނުންނެވެ.
އެ ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އައްޑޫ ވިމެންސް އެސޯސިއޭޝަންގެ ރައީސާ އަދި ކުރީގެ ހެލްތު މިނިސްޓަރ މަރިޔަމް ޝަކީލާ ވިދާޅުވީ އެ ޕްރޮގްރާމް ނިމިގެންދާއިރު ވިޔަފާރިއެއް ކުރިއެރުވުމަށްޓަކައި ފައިސާ ހޯދާނެ ގޮތާއި ވިޔަފާރިތައް ކުރިއަރުވާނެ ގޮތްތައް އެނގިގެންދާނެ ކަމަށެވެ.
"ވިޔަފާރި ކުރިއަރުވާނެ ގޮތާއި ވިޔަފާރި ކުރިއެރުވުމަށްޓަކައި ފައިސާ ހޯދާނެ ގޮތާއި ވިޔަފާރީގެ ތެރޭގައި ގެންގުޅޭނެ އެކިއެކި ތަސައްވަރު ޑިވެލޮޕް ކުރާނެ ގޮތާއި އަދި ނިމިގެންދާއިރުގައި ވިޔަފާރިއެއް ބިލްޑް ކޮށްގެން އެ ވިޔަފާރިއެއް މާކެޓް ކުރާނެ ގޮތް ވެސް އެނގިގެން ދާނެ،" ޝަކީލާ ވިދާޅުވިއެވެ.
ރާއްޖޭގެ އިތުރުން ފަސް ގައުމެއްގައި މި ޕރޮގްރާމް ކުރިއަށް ގެންދެއެވެ. އެއީ ވިއެޓްނާމް، ފިލިޕީންސް، ސިންގަޕޯރ، ސްލޮވީނިއަރ އަދި ބްރެޒިލްއެވެ. ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގައި މި ޕްރޮގްރާމް ހިންގުމަށް ފަހު އެންމެ ފަހު ގައުމެއްގެ ގޮތުގައި ޕްރޮގްރާމުގައި ބައިވެރިވާނީ ބްރެޒިލުންނެވެ.
ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ތިން ފަރާތެކެވެ. އެއީ އެ އެސޯސިއޭޝަންގެ ފަރާތުން ޝެހެނާޒް ރަޝީދާއި އައިޝަތު ޒައީމާގެ އިތުރުން އައިޝަތު ރުކްޝާނާއެވެ. ރާއްޖޭގައި މިހަރަކާތް ކުރިއަށް ގެންދިއުމަށް ފަހު އެ ޓީމް ދެން ފުރާނީ ބްރެޒިލްއަށެވެ. ރާއްޖޭގައި ހިންގާ މި ޕްރޮގްރާމުގައި ވެސް ފިލިޕީންސް، ސިންގަޕޯރ، ސްލޮވީނިއަރ އަދި ބްރެޒިލް މަންދޫބުން ބައިވެރިވެއެވެ.
ޝެހެނާޒް ވިދާޅުވީ ވިޔަފާރިއެއް ފެށުމަށާއި ވިޔަފާރި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާ ބެހޭ ގޮތުން ދުނިޔޭގެ ތަޖުރިބާކާރުން މައުލޫމާތު ދެއްވާ ކަމަށާއި ރާއްޖެ ތަމްސީލްކުރާ ތިން ފަރާތުން މި ޕްރޮގްރާމްގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވާންޖެހޭ ކަމަށެވެ.
މި ޕްރޮގްރާމުގައި ރާއްޖޭގެ ފަރާތުން ނެގީ ރުކުގެ ބާވަތްތަކުން އުފެއްދޭނެ ބާވަތްތަކުގެ ވިޔަފާރިއެވެ. މިއީ ދެ އަހަރު ދުވަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ރާއްޖޭގައި މި ޕްރޮގްރާމް ފެށުމަށް ރާއްޖޭގައި މިއަދު ފެށި ގައުމުތަކުގެ މަންދޫބުންގެ ބައްދަލުވުމުގައި ބައިވެރިންގެ ހުނަރު ތަރައްގީކުރުމާ ބެހޭ ގޮތުންނާއި ޑިޖިޓަލް މާކެޓިން އާއި ނެޓްވޯކް ބިލްޑްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ.