ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިއަށް ކައުންސިލަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަން ވޯޓުލާން ފަށައިފިއެވެ.
ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަންސް ވޯޓުލާން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން މިއަދު ހަވީރު 4:00 އަށް ކުރިއަށް ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ފިއްލަދޫގައި ވޯޓު ފޮށި ބަހައްޓާފައި ވަނީ އެ ރަށު ސްކޫލުގައެވެ. މާލޭގައި ވޯޓު ފޮށި ބަހައްޓާފައި ވަނީ އިންތިހާބީ މައި މަރުކަޒު ބާ ޖަމާލުއްދީނުގައެވެ.
ފިއްލަދޫ ކައުންސިލް ބައި އިލެކްޝަން ބާއްވަނީ ކައުންސިލްގައި ހިމެނޭ ތިން ކައުންސިލަރުންގެ ތެރެއިން ދެ ކައުންސިލަރަކު އިސްތިއުފާ ދެއްވާފައިވާތީއެވެ. އެ ކައުންސިލްގެ މެމްބަރަކަށް މިހާރު ހުންނެވީ އެންމެ ކައުންސިލަރެކެވެ.
ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިއަށް ހަތަރު ކެންޑިޑޭޓުން ވާދަ ކުރެއެވެ. އެއީ އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި ޕީޕީއެމްގެ ދެ ކެންޑިޑޭޓެކެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ބައި އިލެކްޝަންގެ ވޯޓާސް ލިސްޓުން ދައްކާ ގޮތުން އެ ރަށުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 783 މީހުންނަށެވެ. ފިއްލަދޫގެ އާބާދީއަކީ 1118 އެވެ.