އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްކޫލްގެ ކުރީގެ ދަރިވަރުންގެ އިސްނެގުމުގެ މަތިން ޚާއްސަ ފެއާއެއް ސްކޫލްގައި ފަށައިފިއެވެ.
ފެއާ ފެށުމުގެ ގޮތުން ހުކުރު ދުވަހުގެ ހަވީރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ފެއާ ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލްކަން ކުރައްވާފައިވާ ރަޝީދާ މުހައްމަދު ދީދީ އެވެ. ރަޝީދާއަކީ ޓީޗަރެއްގެ ގޮތުން ވެސް ގިނަ ދުވަހު އެ ސްކޫލަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
އަމީނިއްޔާ ސްކޫލްގައި މި ފެއާ ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:30 އާ ހަމަށެވެ. މި ފެއާގައި 110 މޭޒެއްގައި ކާނާ އާއި އަންނައުނާއި ފޮތާއި އަތްތެރި މަސައްކަތުގެ އުފެއްދުންތަކުގެ އިތުރަށް އެހެނިހެން އެކި ސާމާނު ވިއްކަމުން ދާނެއެވެ
މީގެ އިތުރުން ވެސް މި ފެއާގައި މިހާތަނަށް އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލް ކޮށްފައިވާ ހުރިހާ ފަރާތްތަކަކުން ބައިވެރިވުމަށް ހަމަޖެހިފައި ވާއިރު ތަފާތު އެކިއެކި ސަބަބުތަކާއި ހުރެ މި އިވެންޓްގައި ބައިވެރި ނުވެވޭ ފަރާތްތަކަށް ޚާއްސަކޮށްގެން މެގަޒިނެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ސުކޫލުން މައުލޫމާތު ދެއެވެ. އަދި މި މެގެޒިންގައި އަމީނިއްޔާ ސްކޫލުގެ ދިގު ތާރީޚާއި އަދި އެ ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ބެހޭ މައުލޫމާތު ހިމެނޭނެ ކަމަށް އެ ސްކޫލުން ބުނެއެވެ.
އަމީނިއްޔާ ސްކޫލަކީ ރާއްޖޭގައި އަންހެން ކުދިންނަށް ޚާއްސަ ކުރެވިގެން ހުޅުވި ފުރަތަމަ ސްކޫލަށް ވާއިރު މި ސްކޫލުގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހެވެ..
އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރޭ "ޑައިމެންޑް ޖުބުލީ" ނިންމާ ހަރަކާތެއްގެ ގޮތުގައި "ފަޔަރ ވޯކް" އާ އެކު ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ