މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރަން އުޅެނިކޮށް ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ ރޭޕްގެ މައްސަލައިގައި ބުރާސްފަތި ދުވަހުގެ ރޭ 10:50 އެހާކަންހާއިރު ހައްޔަރު ކުރި 32 އަހަރުގެ މީހާ އާއި 33 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން 33 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައި ވާއިރު 32 އަހަރުގެ މީހާ ކުރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.
އެ މީހާ ދޫކޮށްލި އަމުރު އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ 22:50 ހާއިރު މާފަންނުގައި ހުރި ގެސްޓް ހައުސަކުން އަންހެނަކު ހަޅޭލަވާއަޑު އެވަގުތު މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އިވުމުން އެ ގެސްޓް ހައުސްއަށް ވަދެ ބެލިއިރު ހަތަރު މީހަކު ވެގެން އަންހެނަކު ރޭޕް ކުރަން އުޅުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ދެ މީހަކު ރޭ ވަނީ ފިލާފައެވެ. އަދި މި ދެ މީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅިގެން އެ މީހުން ތިބި ކޮޓަރި ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފަ ހުރި ތަށި ތަކަކާއި ފުޅިއެއް ފެނިފައިވާ ކަމަސް ފުލުހުން ބުނެފައި ވެއެވެ.