ހދ. ނެއްލައިދޫ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކަރަންޓު ކޭބަލްތައް ބަދަލުކުރަން ނިންމައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އިލްހާމް ވިދާޅުވީ މިހާރު ރަށުގައި ހުރި ކަރަންޓު ކޭބަލްތަކުން މުޅި ރަށަށް ކަރަންޓު ފޯރުކޮށްދޭނެ ކެޕޭސިޓީ ނެތް ކަމަށެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާ މުއައްޒަފުންނާ ހަވާލާދީ އިލްހާމް ވިދާޅުވީ ކޭބަލްތައް އިތުރުކޮށް ފުޅާކުރުމަށް މިހާރު ކޭބަލްތަކަށް އޯޑަރުދީފައިވާ ކަމަށެވެ.
އިލްހާމް ވިދާޅުވީ އެ ރަށަށް ކަރަންޓްގެ މައްސަލަ ދިމާވަމުން ދަނީ ޖަނަރޭޓަރުތައް ސާރވިސް ނުކޮށް ހުރުމުގެ ސަބަބުން ކަމަށާއި ޖަނަރޭޓަރުތައް ސާރވިސް ނުކުރާތާ 15 ވަރަކަށް އަހަރު ވެފައިވާތީއެވެ. އަދި ޖަނަރޭޓަރުތައް އޯވަހޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިމަސައްކަތް ކުރަމުންދަނީ ކަރަންޓު ކެނޑިދާނެތީ އިތުރު ޖަނަރޭޓަރެއް ހިންގުމަށްފަހު ކަމަށެވެ.
އިލްހާމް ވިދާޅުވީ ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށާފައިވާއިރު އުންމީދު ކުރަނީ ވީއެންމެ އަވަހަށް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދިއުން ކަމަށެވެ.
''ޓެކްނިކަލް ޓީމުން މަސައްކަތް ފެށިފަހުން އަދި ކަރަންޓު ކަނޑެގެން ނުދޭ. އިތުރު ޖަނަރޭޓަރެއް ހިންގައިގެން މިހާރު މަސައްކަތް ކުރަމުން އެދަނީ'' އިލްހާމް ވިދާޅުވިއެވެ.
ނެއްލައިދޫގައި ހުންނަނީ 160 ކިލޯ ވޯލްޓްގެ ދެ ޖަނަރޭޓަރާއި 120 ކީލޯ ވޯލްޓްގެ ޖަނަރޭޓަރެވެ.
އެ ރަށުގެ ކައުންސިލުން ބުނީ ފާއިތުވެގެން މިދިޔަ ދެ މަސް ދުވަހު ކަރަންޓްގެ މައްސަލަ ވަކިން ބޮޑަށް ދިމާވެ، ގޭބިސީތަކުގައި ބޭނުން ކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ގިނަ ސާމާނު ހަލާކުވެފައިވާ ކަމަށެވެ.