މާލޭގެ ގެސްޓު ހައުސްއެއްގައި އަންހެނަކު ރޭޕްކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ 22:50 ހާއިރު އަންހެނަކު ހަޅޭލަވާއަޑަށް ފުލުހުން އެ ގެސްޓް ހައުސްއަށް ވަދެ ބެލިއިރު ހަތަރު މީހަކު ވެގެން އަންހެނަކު ރޭޕް ކުރަން އުޅުނު ކަމަށެވެ.
ފުލުހުން ބުނީ މިހާދިސާގައި ހައްޔަރުކުރީ ދެ ދިވެހި ފިރިހެނުން ކަމަށެވެ. އެއީ 32 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ގެސްޓު ހައުސްއަށް ވަންނަކަން އެނގިގެން ދެ މީހަކު ފިލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން އެ މީހުން ތިބި ކޮޓަރި ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފަ ހުރި ތަށި ތަކަކާއި ފުޅިއެއް ފެނިފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.