ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ބައިލައްކަ ރުފިޔާ ފޭރުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ ލަންސިމޫ ގޯޅިން ހިނގާފައިދިޔަ ބިދޭސީ އަކަށް ބިރުދެއްކުމަށް ފައިސާތައް ފޭރިގަތުމަށް ފަހު ދުވެފައި ދަނިކޮށް، އެވަގުތު މާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނެވެ.
ނިމިގެން ދިޔަ މާޗް މަހު ހަތަރު މީހަކު ވަނީ، ސްޓޭޓޭ ބޭންކް އޮފް އިންޑިއާ ކައިރިން ހިނގާފައި ދިޔަ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ 2.3 މިލިއަން ރުފިޔާ ފޭރިގަނެފައެވެ. އެ މައްސަލާގައި ފުލުހުން ވަނީ އެ މީހުން ހައްޔަރު ކޮށްފައެވެ.
އޭގެ ދިހަ ދުވަސް ފަހުން މާޗް މަހުގެ 20 ވަނަ ދުވަހު ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ މިފްކޯގެ ވޭނެއްގައި ހުރި ދެ މިލިއަން ރުފިޔާ ފޭރީގަތެވެ.
ފަހަކަށް އައިސް މާލޭގައި ވައްކަމާއި ފޭރުން ގިނަވަމުން ދާތީވެ ބޮޑެތި އަދަދުން އެއް ތަނުން އަނެއް ތަނަށް ފައިސާ ގެންދާނަމަ ފުލުހުންގެ އެހީއަށް އެދެން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.